މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް %25 ދީގެން އެމްޑީޕީން ކޯލިޝަން ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި އެމްއާރްއެމްއިން ވެސް އެކަން ގަބޫލުކުރަންޖެހޭނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާގުޅޭ ގޮތުން އެމްއާރްއެމްގެ އިސް ބޭފުޅުން މިއަދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވަނިކޮށެވެ.
ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ގޮތެއް ނުނިމެއެވެ. ނިންމެވ އިތުރަށް މަޝްވަރާ ކުރެއްވުމަށެވެ.
ޝަރީފް ވިދާޅުވީ ރައީސް ޞާލިޙަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްއާރްއެމްއިން ހުށަހަޅާ ކަންކަމުގެ ކަށަވަރުކަން ދެވޭނެ ގޮތެއް އޮންނާނެހެން ހީވެވަޑައިނުގަންނަވާ ކަމަށެވެ. ސަރުކާރުގެ %25 ދީގެން 2018 ވަނަ އަހަރު ކޯލިޝަން ހެދިޔަސް މިއަދު އެ ޕާޓީގައި އެ ސައިޒު ފެންނަން ނެތްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ކޯލިޝަން ހަދަން ނުވަތަ ނުހަދަން ނިންމަންޖެހޭ ކަމަށާއި ދިގު ދަންމާނެ ވަގުތެއް ނެތްކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
”އެމްއާރްއެމްއިން ވެސް މާ ހާސާރު ދިގުކުރާނެ ކަމެއްނެތް. އެމްޑީޕީއާއެކު ކޯލިޝަން ހަދަން ބޭނުންނެތިއްޔާ އެ ވާހަކަ ބުނެފަ ކޯލިޝަނުން ވަކިވީމަ ނިމުނީ.“
ޝަރީފް ވިދާޅުވީ އެމްއާރްއެމްއަށް %25 ދީގެން އެމްޑީޕީން ކޯލިޝަން ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި މިއަދު އެ ޕާޓީއަކީ އަދާލަތަށްވުރެ ވެސް ސައިޒު ކުޑަ ޕާޓީއެއް ކަމަށެވެ.