ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި، އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ދެންމެ ކުރި ޓުވީޓެއްގައި ބުނީ އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި, އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކުރީ 42 އަހަރުގެ މީހެއް ކަމަށެވެ.
އޭނާ ހައްޔަރުކުރީ މިއަދު އެ މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖުބަލައި މީހާ ދެނެގަތުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭނާ 5000 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާ ކަމަށެވެ. އަދި އެ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.