މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން މިއަދު މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި ފެށޭ ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމް މުވައްޒަފަކަށް މިއަދު 3000 ރ. ޖަމާކޮށްދޭނެ ކަމަށެވެ. އަދި ހަދިޔާއެއްގެ ގޮތުގައި 2000 ރ. ދިނުމަށް ނިންމާފައިވާ ކަމަށާއި ރޯދަ އިނާޔަތާއެކު މި ފައިސާ ވެސް ޖަމާކޮށްދޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ
ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި އެ މަސް ފެށުމުގެ ކުރިން 3000 ރ. ދޭން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުގެ މުވައްޒަފުންނަށް މިއަދު ރޯދަ އިނާޔަތް ޖަމާކޮށްދޭނެކަމަށް ބުނެފައެވެ.