މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ގާއިމުކުރި ކިޑްސް ކެއަރ ސެންޓަރު މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
އެމްޕީއެލް ކިޑްސް ކެއަރ ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެ މުވައްޒަފުންގެ ދަރިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ގާއިކޮށްދިނުމަށްޓަކައި ގާއިމުކޮށްފައިވާ ސެންޓަރެކެވެ.
މި ސެންޓަރުގައި ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ކުދިންނަށް ވަނީ ހަމަޖައްސައިފައެވެ.

30 އާއި 40 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް ޚިދުމަތްދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސެންޓަރުގައި މިހާރު ވަނީ 12 ކުދިން ރަޖިސްޓްރީކޮށްފައެވެ.
މި ސެންޓަރުގެ ޚިދުމަތް އެމްޕީއެލްގެ މުވައްޒަފުންނަށް ހިލޭ ލިބޭނެއެވެ. ސެންޓަރު ހުޅުވިފައި ހުންނަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 07:00 އިން ރޭގަނޑު 19:00 އަށެވެ.