ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާ ކުރުމަށް, އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މީގެއިތުރުން ރައިީސް ޞާލިޙް ވަނީ ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ކަންކަން ބަޓެލްކޯގެ ޗެއަރމަނާ ހިއްސާކުރައްވައިފައެވެ.
އަދި އެކަންކަން ކާމިޔާބު ކުރެއްވުމުގައި ބަޓެލްކޯގެ މެނޭޖްމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ކުރިޔަށް އޮތްތަނުގައި ވެސް އެކުގައި ގާތުން މަސައްކަތް ކުރެއްވުމުގެ ޔަގީންކަން ދެއްވަމުންނެވެ.