އައްޑޫ ސިޓީގެ ހިތަދޫގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ މި މަހުގެ 18 ވަނަ ދުވަހު ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހޯދީ އެ ރަށު ވަލުތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނަކީ ރަމަޟާން މަހާ ދިމާކޮށް ހިތަދޫގައި ކުށްމަދު ކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި އެ ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމާއި ރަށުތެރެ ޕެޓްރޯލުކުރުން އިތުރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.