މި ދުވަސްވަރު މަގުމައްޗަށާއި ދުވާރުމައްޗަށް ގޭގެއިން ގިނަ އަދަދެއްގެ ކުނި ނެރެ ބަހައްޓަމުންގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭއިން މިއަދު ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާ ކަމާއި, އެ ގޮތުން އުފެދޭ ކުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންގެންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިކަމަކީ މާލޭގެ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ, ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއްކަމުގައިވާތީ މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް އަންގާކަމަށް އީޕީއޭއިން ބުންޏެވެ.
”ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅުއްވައިގެން ހަމަޖެއްސެވުމަށް ދަންނަވަން.“
އީޕީއޭއިން ބުނީ އެ އެޖެންސީގެ ހުއްދަ ލިބިގެން މެނުވީ އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ. އެކަން ފާހަގަކޮށް އީޕީއޭއިން ވަނީ އެންމެހާ ފަރާތްތަކުން ވެސް ގަވާއިދާ އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި، މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.