ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުވައިލުމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ފާޑުވިދާޅުވެއްޖެއެވެ.
ވައްޑެ ވިދާޅުވީ ގައުމީ އިނާމުގެ އެންމެ ބޮޑު ސިފައަކީ އޭގެ ޝަރަފުވެރިކަމާއި އަގު ވަޒަންކުރެވޭ މިންވަރު ކަމަށާއި ދެއިރު ކާ ބޭހެއް ގޮތަށް ގައުމީ އިނާމާއި, އެވޯޑުތައް ބަހައި މިކަން ”ބޮޑުގުޅަ ކުރުމަކީ“ އެހާ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
އަދި ގިނަ އިނާމު ދީގެން، ގިނަ ވޯޓު ހޯދަން ކުރާ ކަމެއް ގޮތަށް މިކަހަލަ ކަންކަން ނުހެއްދެވުމަށް ވެސް ވައްޑެ ގޮވައިލެއްވިއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ 2021 ވަނަ އަހަރު ތައާރަފުކުރި އިނާމެކެވެ.
މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚުލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ. މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ހޯއްދެވުމަށްފަހު އެ ބޭފުޅުންގެ ރެކޯޑުތައް ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވަން ވެސް ނިންމަވައިފައެވެ.