މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުން, ބްރޯޑްކޮމްގެ ނައިބު ރައީސް އަޙްމަދު ގައިސް އިސްތިއުފާދެއްވުމާ ގުޅިގެން މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ ޖަނަވަރީމަހުގެ 12 ވަނަ ދުވަހުއެވެ.
މެންބަރުކަމަށް ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް ޞާލިޙް އިސްކަން ދެއްވާ ތަރުތީބުން ނަންތައް ތަރުތީބު ކުރައްވައި މަޖިލީހަށް ފޮނުއްވުމުން ކޮމިޓީން ވަނީ އެ ނަންތައް ދިރާސާކޮށްފައެވެ.
ރައީސްގެ ލިސްޓް:
1.އާމިނަތު ނުޒުހާ، ރިވޯޑް/ހއ.ހޯރަފުށި.
2.ޙުސައިން އަމްރު، ވ.ރޯޝަން.
3.ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ/ދ.ކުޑަހުވަދޫ.
4.މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ/ގދ.ތިނަދޫ.
5.މަރިޔަމް މުނާ، ބޯގަންވިލާ/ސ.ފޭދޫ.
ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުއްވީ ނުޒުހާއާއި އަމްރުއާއި ނަރީމާންގެ ނަމެވެ. ތިންވަނައިގައި އޮތް ޝާންގެ ނަމެއް ނުފޮނުއްވައެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ މަގާމު ހަމަވާތީ އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތައް ކޮމިޓީން މިހާރު އަންނަނީ ދިރާސާކުރަމުންނެވެ.