ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހުޅުވާލައިފިއެވެ.
2021 ވަނަ އަހަރު ތައާރަފުކުރި މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚުލާސްތެރިކަމާއެކު ކޮށްފައިވާ ޚިދުމަތްތަކަށާއި, އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެއްވާ އިނާމެކެވެ.
އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
މި އިނާމަށް ހުށަހަޅާ މީހުންގެ ނަން މި އަހަރު ހުށަހެޅޭނީ ހަމައެކަނި ”ފޯމު ހުށަހެޅުން“ މި ޕޯޓަލް މެދުވެރިކޮށްގެންނެވެ.
އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން އަންނަ އެޕްރީލް 30 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މި އިނާމު މިދިޔަ އަހަރު 86 ބޭފުޅަކަށް ލިބިވަޑައިގަތްއިރު, އޭގެތެރެއިން 25 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ.
އޭގެތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ މއ.ބޮޑުގަލުމާފަތްގޭ ޞާބިރާ ވަޙީދު ހިމެނިވަޑައިގަންނަވައެވެ. އޭނާ ވަނީ ދައުލަތަށް 50 އަހަރާއި 08 މަހުގައި ޚިދުމަތް ކުރައްވައިފައެވެ.