ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވާފައިވާ އައު ދިރާސީ ފޮތްކަމަށްވާ ”ކިއްލާ މާލޭ“ އަންނަ ހޯމަ ދުވަހު ނެރެން ނިންމަވައިފިއެވެ.
މި ފޮތް ނެރުމުގެ ހަފުލާ ބާއްވަން ނިންމާފައިވަނީ ހޯމަ ދުވަހުގެރޭ 20:15 ގައި ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.
”ކިއްލާ މާލޭ“ ގެ ނަމުން ނަން ދެއްވާފައިވާ މި ފޮތަކީ މީލާދީ ގޮތުން 1700 ވަނަ އަހަރާއި 1900 ވަނަ އަހަރާ ދެމެދުގައި މާލޭގައި ދިރިއުޅެމުން އައި އާއިލާތަކާއި އެ އާއިލާތަކުގެ މަތިކޮޅާ ގުޅޭގޮތުން އެކުލަވާލައްވާފައިވާ ފޮތެކެވެ.
މީގެކުރިން ނޫސްވެރިކަން ކުރެއްވި ރައީސް ނަޝީދު ވަނީ އެކި މައުޟޫއު ތަކުގައި ދިރާސީ ލިޔުންތަކާއި ވާހަކައާއި ފޮތްތައް ލިޔުއްވައިފައެވެ.
އޭގެތެރޭގައި އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔަ ގޮތާ ގުޅޭ ގޮތުން 1996 ގައި ނެރުއްވި ”ދަގަނޑު ދަހަނާ“ އާއި، 2018 ގައި ނެރުއްވި ”އެއްބަސްވެވޭ އިންގިލާބު“ އާއި، 2020 ގައި ނެރުއްވި ”ދެ ރަދުން“ ހިމެނެއެވެ.

މީގެއިތުރުން “ހިތާ ހިތުގެ ލޯބި“ މި ނަން ދެއްވާފައިވާ ލޯބީގެ ވާހަކައާއި، ސުއްމުވުލްއަމީރު އަލްމަރުހޫމް މުޙައްމަދު އަމީންގެ ވެރިކަން ނިމުނު ގޮތުގެ މައްޗަށް، ”ވެރިއެއްގެ ނިމުން“ މި ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރައްވާފައިވެއެވެ.