އަދާލަތޭ ކިޔައި ޖަހާލަތުގެ ތެރެއަށް މި ގައުމު ވައްޓައިލި މުނާފިގު ބައިގަނޑެއްގެ ބަހަށް ރައްޔިތުން ދޭނެ ވޯޓެއް ދެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ޝިފާޤް މިހެން ވިދާޅުވީ މިހާރަކު މަސްބައި އަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި ވޯޓު ބަހައެއްނުލެވޭ ކަމަށާއި, މިހާރު ހުންނަނީ އަޑުގަދަ ގެދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓާއި ނަޖިސް ފެނުން ސާފު ފެނަށް ބަދަލުވީމާ ދޭ ވޯޓުކަމަށް އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ނަޒީރު ވިދާޅުވުމާ ގުޅިގެންނެވެ.
ޢަލީ ނަޒީރަށް ރައްދު ދެއްވައި ޝިފާޤް މިރޭ ވިދާޅުވީ މަސްބައި އަޅާ އުސޫލުން ރާއްޖެ ފޮތިފޮތިކޮށް އިންޑިއާއަށް ވިއްކައިލި ބައިގަނޑަކަށް ދޭނެ ވޯޓެއް ނެތް ކަމަށެވެ. އަދި އަދާލަތޭ ކިޔައި ޖަހާލަތުގެ ތެރެއަށް މި ގައުމު ވައްޓައިލި މުނާފިގު ބައިގަނޑެއްގެ ބަހަށް ދޭނެ ވޯޓެއް ނެތް ކަމަށާއި ދަރިންގެ ދަރިންނަށް ދާންދެން ގައުމު ދަރުވައިލި ބައިގަނޑަކަށް ދޭނެ ވޯޓެއް ވެސް ނެތް ކަމަށް ޝިފާޤް ވިދާޅުވިއެވެ.
މިހާރު ވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތުން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރަން ނިންމައިފައެވެ. އަދާލަތުގެ އެ ނިންމުމާ ގުޅިގެން އެ ޕާޓީދެކެ ނުރުހުންވާ މީހުންގެ އަދަދު ކުރިއަށްވުރެ ގިނައިން ވަނީ އިތުރުވެފައެވެ.