އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ބޭނުންވެވަޑައިގަންނަވާ ގޮތަކަށް މޮޑެން އޮތް ފުއްގަނޑެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު އެމްޑީޕީއަށް ޕާޓީއެއްގެ ސިފަ އަންނަން ފަށައިފިކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކަކީ ވަކި މީހެއްގެ ފަހަތުން އެނބުރޭ ބުމަރެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ކަނޑައެޅިފައި އޮތުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ސިޔާސަތުތަކަކާއި އުސޫލުތަކަކާ އަދި އައިޑިއޮލިޖީއެއްގެ މައްޗަށް ބިނާވެ ހިންގާ ތަންތަން ކަމަށް ވާންޖެހޭ ކަމަށެވެ. އަދި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީތައް ވެސް ތަސައްރަފު ފުދޭނެ ދުވަހެއް އަންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ފާއިތުވި 18 ވަރަކަށް އަހަރު ދުވަހުގެތެރޭގައި ނަޝީދުގެ މަސްލަހަތަކީ ގައުމުގެ މަސްލަހަތުކަމަށް ދެކިގެން އެމްޑީޕީ ވެސް އެންމެ އިސްކަމެއް ދިނީ ގައުމުގެ މަސްލަހަތަށްވުރެ އެމަނިކުފާނުގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށާއި އެހެނަސް ޕާޓީ ތަސައްރަފު ފުދޭވަރަކަށް އެކަން ބަދަލުވަމުންދާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޕާޓީއަކީ ވަކި ބައެއްގެ ތަރިކައެއް ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އެމްޑީޕީގައި މިހާރު ވެސް އެބަތިބި ކަމަށެވެ.
”ފިކުރެއްގެ ދިރުންގައި އެ އުޅުއްވަނީ އެމްޑީޕީއަކީ ނަޝީދުގެ ޕްރޮޕްރިއެޓަރީ މުދަލެއްކަމަށް ގަބޫލުކުރާ މީހުން.“
ޝަރީފް ވިދާޅުވީ ބަދަލުވަމުން ދިއުމަކީ ތޮބީއީ ކަމެއް ކަމަށެވެ. އެ ގޮތުން ނަޝީދު ބޭނުންވެވަޑައިގަންނަވާ ގޮތަކަށް މޮޑެން އޮތް ފުއްގަނޑެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު އެމްޑީޕީއަށް ޕާޓީއެއްގެ ސިފަ އަންނަން ފަށައިފިކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީއަކީ ނަޝީދުގެ މުދަލެއްކަމަށް ގަބޫލުކުރައްވާ ބޭފުޅުންނަށް އެކަން ހަޖަމެއްނުވާނެ ކަމަށާއި މަޖިލީހުގެ ނައިބު ރައީސް އީވާއާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއަށް ދިމާވެގެން އުޅެނީ އެ މައްސަލަ ކަމަށް ޝަރީފް ވިދާޅުވިއެވެ.