މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތެރެއިން ހައްޔަރުކުރި ނޫސްވެރިޔާ ފުލުހެއް ގައިގާ ޖެހި ކަމުގެ ހެކި ދެއްކެވުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) ފުލުހުންނަށް ގޮވާލައްވައިފިއެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ ނޫސްވެރިކަމުގެ ފާސް ވެސް އަޅައިގެން ހުރި، ”އަވަސް“ ނޫހުގެ ވީޑިއޯ ޖާނަލިސްޓް ޙުސައިން ޖުމާނެވެ.
ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
”ނޫސްވެރިޔާ ފުލުހެއް ގައިގާ ޖެހި ކަމުގެ ހެއްކެއް ދައްކަވަންވީ ނޫންތޯ؟“ ފުލުހުންގެ ޓުވީޓާ ގުޅިގެން ކުރެއްވި ޓުވީޓުގައި ވައްޑެ ލިޔުއްވާފައިވެއެވެ.
ވައްޑެ ވިދާޅުވީ އެހެން ނޫންނަމަ ކުރީއްސުރެ ކަންކުރަމުން އައި ފަދައިން މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވަނީ ކަމުގައި ދެކެވުމުގެ ޖާގަ ވަރަށް ބޮޑުވާނެ ކަމަށެވެ.
ޖުމާނުގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދު ދޫކޮށްލައިފައެވެ.