ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުން ބޭނުންކުރަން ފެށި ޓޭޒާއަކީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައުއައި ފަރުދުންގެ ސަލާމަތަށް ނުރައްކާކުރާ ކަންތައް ތަފާތުވަމުން ބަދަލުވަމުންދާ ކަމަށާއި އެފަދަ ކަންކަން ކުރުމުގައި ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅި ވެސް ބަދަލުވަމުންދާ ކަމަށެވެ. އަދި އެފަދަ ކުށްތައް ކުރުމުގައި ބޭނުންކުރާ ވަސީލަތްތަކާއި އެފަދަ ކުށްތަކަށް އަރައިގަތުމަށްފަހު ގާނޫނުގެ އަތްދަށުނުވުމަށް ރާވާ ރޭވުންތައް ވެސް ދަނީ ބަދަލުވަމުން ތަފާތުވަމުން ކަމަށެވެ.
”މިއީ ވެސް ފުލުހުންގެ ތައްޔާރީ ހާލަތަށް ބަދަލު ގެންނަން މަޖުބޫރު ކުރުވާ ސަބަބު. އެ ބަދަލުތަކާ އެކަށޭނަ ގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަމެއް ދޭންއެބަޖެހޭ. ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދަން. އެކަމުގައި މިދިޔަ 5 އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.“
އެ ގޮތުން ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ހެޔޮ ބަދަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ދިފާއުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ގާނޫނީ ރައްކާތެރިކަމާއި ޖިސްމާނީ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
”އެ ގޮތުން ފުލުހުން މި އަހަރުގެ ތެރޭގައި ދެން ބޭނުންކުރަން ފަށާނެ އަނެއް ވަސީލަތަކީ ޓޭޒާ ގަން. މިއީ ވެސް ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު އެ ކުށްވެރިޔާގެ ވެސް އަދި ފުލުސް މީހާގެ ވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއް. ފަހަރެއްގައިވެސް މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން.“
މީގެއިތުރުން ރައީސް ވިދާޅުވީ އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގާއިމުވުމަކީ ވެސް ޒަމާނީ ތައުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އިންޓަރޕޯލްގައި ދިވެހި ފުލުހުންގެ ދައުރު ފުޅާވެގެން ދިއުމަކީ ވެސް ދިވެހި ފުލުހުންގެ ގާބިލުކަމާއި ހުނަރުވެރިކަން ބައިނަލްއަގުވާމީ މިންގަނޑުން ވެސް ވަޒަންކުރެވޭ ކަމުގެ ހެއްކެއް ކަަމަށް ރައީސް ވިދާޅުވިއެވެ.