އެމެރިކާގައި ދިވެހި އަންހެން ކުދިންނަށް ފުޓްބޯޅައިގެ ތަމްރީނު ދިނުމަށް ޕްރޮގްރާމެއް ހިންގަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ މިއީ ޔޫއެސް މިޝަން މޯލްޑިވްސްއާއި ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްސް އޮފް ސްޕޯޓްސް ޑިޕްލޮމެސީ ޑިވިޝަން އޮފް ބިއުރޯ އޮފް ކަލްޗަރަލް އެންޑް އެޑުކޭޝަނަލް އެފެއާރސް (އީސީއޭ) އަދި އެފްއެޗްއައި 360 އިން ގުޅިގެން އުމުރުން 15–18 އަހަރުގެ އަންހެން ކުދިންނަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގެ މަގުސަދަކީ ފުޓްބޯޅަ ކުޅުމަށް ފުރުސަތުތައް ތަނަވަސްވެފައިނުވާ އަންހެންކުދިން ބާރުވެރި ކުރުވުމެވެ.
މިކުދިންނާއެކު ދިވެހިރާއްޖޭގެ އަންހެން ކޯޗެއް ވެސް އެމެރިކާ ދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ފުރުސަތު ދިވެހި ފަސް ކުއްޖަކަށް ދޭން ވަނީ ނިންމައިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:
އުމުރުން 15-18 އަހަރާ ދެމެދުގެ އަންހެންކުދިން.
ދިވެހި ރައްޔިތެއް ކަމުގައިވުން.
މިހާރު ރާއްޖޭގައި ދިރިއުޅޭ ކުއްޖެއް ކަމުގައިވުން
އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުން.
ފުޓްބޯޅަ ކުޅުމުގެ ހުނަރު ލިބިފައިވުން (ގައުމީ ފެންވަރުގައި އެއްވެސް ޓީމެއްގައި ކުޅެފައިވާ ކުއްޖެއް ކަމުގައި ނުވުން)
ކޮވިޑް-19 ގެ ވެކްސިންތައް ފުރިހަމަ ކޮށްފައިވުން
ވީސާ އިންޓަވިއުއަށް ރާއްޖެއިން ސްރީލަންކާއަށް ދިޔުމަށް އިއުތިރާޒެއް ނެތުން (އެޕްރީލް ނުވަތަ މެއި މަހު)
ތަމްރީނު ޕްރޮގްރާމަށް ރާއްޖެއިން އެމެރިކާއަށް ދިޔުމަށް އިޢުތިރާޒެއް ނެތުން. (ޖޫން އަދި ޖުލައި މަހު)
މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާއިރު އެ ކުއްޖަކު ފުޓްބޯޅަ ކުޅެމުންދާ މަންޒަރު ފެންނަ 5 މިނެޓްގެ ވީޑިއޯ ކްލިޕްއެއް ތައްޔާރުކޮށް ހުށަހަޅަންޖެހޭނެއެވެ.
ތަމްރީނުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 21 މާރިޗް 2023 ވަނަ ދުވަހު 12:00 ގެ ކުރިންނެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3347300 އަށެވެ.