ހެޔޮކަމާ ދަރުމައިން ފުރިގެންވާ ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެނާ ބައްދަލުކުރާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
އެގޮތުން ރަމަޟާން މަހާ ކުރިމަތި ލާއިރު، ކުރެވެމުންދާ ކުށް ފާފަތަކާ ދުރުހެލިވެ، ހަޔާތް، އާ ހަޔާތަކަށް ބަދަލުކޮށް އިސްލާހުވުމަށް ގޮވާލާ، ޚުތުބާގައި ބުނީ، މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާން ޖެހޭނީ، ފުރިހަމަ އީމާންތެރިކަމާ އެކުގައި ކަމަށެވެ.
ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”އީމާތްކަމާއެކު، ﷲގެ ހަޒްރަތުން ދަރުމަ އާއި ޘަވާބަށް އެދި ރަމަޞާންމަހު ރޯދަ ހިފައިފި މީހާގެ އިސްވެގޮސްފައިވާ ފާފަތައް ފުހެވިދެއެވެ،“
އެހެންކަމުން ރަމަޟާން މަހާ ކުރިމަތިލާން ވާނީ ނަފްސު އިސްލާހުކޮށް ޘަވާބު ހޯދުމުގެ މަތިވެރި އަޒުމާއެކު ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަނެ ސަވާބާއި ދަރުމަ ލިބޭގޮތަށް ރޯދަ ހިފުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ޚުތުބާގައި އަލި އަޅުވާލިއެވެ.
”އެއީ ރޯދަ ގެއްލޭ ކަންތައްތަކާއި، ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެކަންކަމުން ދުރުހެލިވުމަށް ޓަކައެވެ. ރޯދައިގެ ހިސާބެއް ނެތް މަތިވެރިވެގެންވާ އަޖުރު ލިބިގަތުމަށް ޓަކައެވެ،“ ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ރޯދައިގެ މަތިވެރި ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި، ހާރު ކެއުމާއި، ހާރުކެއުން ވީހާ ވެސް ފަސްކުރުން މުހިންމު ކަމަށެވެ. އަދި ފަރުޟު ނަމާދުތަކަށާއި، ތަރާވީހް ނަމާދާއި، ރަވާތިބު ސުންނަތްތަކަށް ރައްކާތެރި ވުމަށް ވެސް ޚުތުބާގައި ގޮވާލާފައި ވެއެވެ.
ވިޔަފާރި ވެރިންނާ މުޚާތަބުކޮށް ޚުތުބާގައި ބުނީ، މި މަހު ވިޔަފާރީގެ ފައިދާ އިތުރަށް ހޯދުމުގެ މަހަކަށް ހެދުމުގެ ބަދަލުގައި އަތްފޯރާ އަގުތަކުގައި ތަކެތި ވިއްކުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.