ދިރިއުޅުމަކީ އިމްތިހާނެކޭ ބުނާއަޑު އަޅުގަނޑުމެން އެންމެންވެސް އަހަމުއެވެ. އުފަލާއި ހިތާމައަކީ އޭގެ ޒާތުގައި ކޮންމެ އިންސާނެއްވެސް ތަޙައްމަލް ކުރާނެ އެއްޗެކެވެ. ދިރިއުޅުމުގައި ދިމާވާ އަޑިގުޑަން ތައް ގިރާކުރުމަށްފަހުގައި މެނުވީ ކާމިޔާބުގެ އައްސޭރިއަށް ވާސިލް ވެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ.
މާތްﷲ އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވާފައިވަނީ ވަރަށްވެސް މާތް މަޤްސަދެއްގައެވެ. އެ މަޤްސަދަކީ އަޅުގަނޑުމެން ހެއްދެވި އިލާހަށް ކިޔަމަންވެ އަޅުކަންކުރުމެވެ. ދިރިއުޅުމުގައި އިންތިހާއަށް ފަޤީރުކަމާއި ކުރިމަތިލާން ޖެހުނީ ހެއްޔެވެ؟ ތިބާ ﷲ ގެ ހަޟްރަތުގައި ރޯ ރުއިން އެކަލާންގެ އައްސަވައެވެ. ރެއާ ދުވާލު ކެނޑި ނޭޅި އަނބިދަރިންގެ ބަނޑުހައި ހޫނު ކަން ފިލުވުމަށްޓަކައި ތިކުރާ މަސައްކަތް އެ ކަލާންގެ ދެނެވޮޑިގެންވެއެވެ. އަދި ﷲގެ މަގުގައި ސާބިތުވެ ހުރެ އޮހޮރާ ކޮންމެ ދާ ތިއްކަކަށް އެކަލާނގެ އުޖޫރަ ދެއްވައެވެ. ދުނިޔޭގެ މީހުންގެ ކުރިމަތީގައި ބަލައިގަނެވޭ ފަދަ ޝަޚްސިއްޔަތެއްގެ މީހެއް ކަމުގައި ނުވި ނަމަވެސް ތިބާގެ ޢަމަލް ތައް ﷲގެ ޙަޟްރަތުގައި މާތްކަން ބޮޑުވެގެންވެއެވެ. މާޔޫސް ނުވާށެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ ގިނައީ ފަޤީރުންނެވެ.
ޒުވާން އުމުރަކީ ދުނިޔަވީ ކަންކަމަށް މީހާގެ ހިތް ޖައްސުވާ، ދުނިޔޭގެ އެދުންތަކަށް މީހާ އަހުލުވެރި ކުރުވާ އުމުރެކެވެ. ތިމާގެ ރަށްޓެހިންގެ މިންގަޑަށް ތިމާ ނުފެތުމަކީ އެއްވެސް ހާލެއްގައި ދެރަވާން ޖެހޭ ސަބަބެއް ނޫނެވެ. އަދި ޒުވާން އުމުރުގައި ހިތްގޮވާ ގޮވުންތަކަށް ކެތްތެރިވެ، ޝަހުވަތް ތަކުން ނަފްސު ސަލާމަތް ކުރުމުން ތިމާއަކީ ފޫހި ނުވަތަ ހައްދު ފަހަނަ އަޅާފައިވާ މީހެއްކަމުގައި ނުވެއެވެ. މާޔޫސް ނުވާށެވެ. ރަޙްމަތްތެރިންގެ ކުރިމަތީގައި ތިބާ ތިއީ ކަޓު ވިސްނުމުގެ މީހަކަށް ވިއަސް،ތިއީ އަރުޝީގެ ހިޔާނޫން ހިޔަލެއް ނުވާ ދުވަހު އެ ޢަރުޝީގެ ހިޔާވެހިކަން ލިބިގެންދާނޭ ސުވަރުގޭގެ އަހުލުވެރިއެކެވެ.
ދިރިއުޅުން އާރާސް ކުރުމަށް ކުރާ މަސައްކަތް ކާމިޔާބާ އެކު ފުރިހިމަ ވުމަކީ ވަރަށްވެސް ބޮޑު ނިޢްމަތެކެވެ.
ނަމަވެސް ދިރިއުޅުމުގައި ދަތި ތަކާ އިންތިހާ އަށް ކުރިމަތިލާން ޖެހެނީ ހެއްޔެވެ؟ އަދި މި ދިރިއުޅުމުން ވޭނާއި ހިތްދަތިކަން އިހްސާސް ކުރަންޖެހުމަކީ މާޔޫސްވާން ޖެހޭ ސަބަބެއް ނޫނެވެ. ﷲ ތިބާގެ ޙާލަތު މޮޅަށް ދެނެވޮޑިގެންވެއެވެ. އެކަލާނގެ ހަޟްރަތުގައި ތި އޮހޮރުވާ ކަރުނައިގެ އަގު ރަނާއި ޖަވާހިރަށް ވުރެވެސް މާތްކަން ބޮޑުވެގެންވެއެވެ. އަދި ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.