ޔަހޫދީ އިސްރާޢީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ތެރެއިން އުމުރުން އެންމެ ދުވަސްވީ މީހާ މިނިވަންކޮށްފިއެވެ.
83 އަހަރުގެ ފުޢާދު ޝުބާކީ މިނިވަންކޮށްފައި ވަނީ، އޭނާގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުންނެވެ. އޭނާގެ ހުކުމް ތަންފީޒުކޮށްފައި ވަނީ އެޝްކެލޯން ޖަލުގައެވެ.
ޝުބާކީއަށް ޖަލު ހުކުމެއް އިއްވާފައި ވަނީ ހަތިޔާރު އެތެރެކުރުމުގެ ކުށުގައެވެ. ޝުބާކީ މިނިވަންކުރުމާ ގުޅިގެން ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެ ކަމާ އުފާފާޅުކޮށްފައެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ފަތަޙަ ޖަމާޢަތުގެ މެންބަރުން ވެސް ހިމެނެއެވެ.
މީގެ ތެރޭގައި ފަތަޙަ ޖަމާޢަތުގެ ނައިބު ރައީސް މަޙްމޫދު އަލޫލްއާއި އެ ޖަމާޢަތުގެ އިސް ވެރިއެއް ކަމުގައިވާ ތަޢުފީޤު ތިރާވީ ހިމެނެއެވެ. އަރަފާތުގެ މަޤުބަރާއަށް ޒިޔާރަތްކުރުމަށްފަހު، ޝުބާކީ ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރުމުގައި ދެމިހުންނާނެ ކަމަށް ބުނެފައެވެ.
”އަހުރެމެން ކުރިށް ދާނީ އަރަފާތު ކޮށައިދެއްވި މަގުން. ފަލަސްޠީނުގެ މިނިވަންކަން ކަށަވަރު ކުރުމަށް ކުރަމުންދާ ޖިހާދު ހުއްޓައެއް ނުލާނަން. އަހުރެމެންގެ ފުރާނައިން ޤުރުބާންވާން ޖެހުނަސް ހެޔޮ. އަހުރެމެންގެ ބިމަކީ، އަހުރެމެންގެ ފުރާނައަށްވުރެ މާ އަގުބޮޑު އެއްޗެއް،“ ޝުބާކީ ބުންޏެވެ.
ފަތަޙަ ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ޝުބާކީ ހައްޔަރުކޮށްފައި ވަނީ 2002 ވަނަ އަހަރު، އީރާނުން ޣައްޒާއަށް ހަތިޔާރު އެތެރެކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. ޔަހޫދީ އިސްރާޢީލުން ބުނީ، އޭނާ ހަތިޔާރު އެތެރެކުރަން މަސައްކަތް ކުރި ބޯޓުން 50 ޓަނުގެ ހަތިޔާރު ފެނިފައިވާ ކަމުގައެވެ. އޭ
އެންމެ ފުރަތަމަ ޝުބާކީ ހައްޔަރުކޮށްފައި ހުރީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ސަރުކާރުން ކަނޑައަޅާފައިވާ ޖަލެއްގައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް، 2006 ވަނަ އަހަރު ޔަހުދީ ޓެރެރިސްޓު ސިފައިން ވަނީ އެ ޖަލު ފަޅައިލާ، އޭނާ ވަގަށް ގެންގޮސްފައެވެ. އަދި، ޔަހުދީ އިސްރާޢީލުގެ ޖަލަކަށް ބަދަލުކޮށްފައެވެ.