ޕާކިސްތަނުގެ ކުރީގެ ބޮޑު ވަޒީރު ޢިމްރާން ޚާން ހައްޔަރުކުރުމުން ޕާކިސްތާނުގައި ހިނގަމުންދާ ސިޔާސީ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށާއި ސިޔާސީ ލީޑަރުން ޖަލަށް ލުމާއި ދަންޖައްސައި މެރުމަކީ ގޯސް ގޮތެއް ކަމަށް އެމެރިކާއިން އަފްޣާނިސްތާނަށް ކުރީން ކަނޑައަޅުއްވާފައި ހުންނެވި ޚާއްޞަ މަންދޫބު ޒަލްމޭ ޚަލީލް ޒާދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޕާކިސްތާނަށް ދިމާވެފައިވާ ސިޔާސީ މައްސަލަތަކުން ސަލާމަތްވުމަށް ޖޫން މަހު އިންތިޚާބެއް ބޭއްވުން މުހިއްމު ކަމަށެވެ. އަދި މިވަގުތު ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މައްސަލަތައް ހައްލުކޮށް ކުރިއަށް އޮތްތަނުގައި އަމަލުކުރާނެ ގޮތެއް ނިންމައި ގައުމު ސަލާމަތްކޮށް ހަމަޖެހުމާއި ސަލާމަތާއި ތަނަވަސްކަމުގެ މަގުގައި ކުރިއަށް ދާނެ ގޮތެއް ހޯދައި ކާމިޔާބު ކުރަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒަލްމޭ ޚަލީލް ޒާދު ވިދާޅުވިގޮތުގައި ޕާކިސްތާނަށް މިވަގުތު ވަނީ ތިން މުސީބާތެއް ކުރިމަތިވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ސިޔާސީ، އިގުތިސާދީ އަދި ސަލާމަތީ، މުސީބާތެވެ.

ޢިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުރުމަށްފަހު ގިނަ ޕާޓީތަކެއް ގުޅިގެން ޕާކިސްތާނުގައި އުފައްދާފައިވާ މަސްހުނި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން ޢިމްރާން ޚާން ބަންދު ކުރުމަށެވެ. އަދި ޕާކިސްތާނުގައި ބާއްވާ އިންތިޚާބުގައި ޢިމްރާނަށް ބައިވެރި ނުވެވޭނެފަދަ ގޮތެއް ހެދުމަށެވެ.