މި އަހަރުގެ ރަމަޟާން މަހު މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައަޅައިފިއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް ހަމަޖެހިފައިވާ ގަޑިތައް, މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކުރީ މިއަދުއެވެ.
އެ ގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުރިހާ ބާވަތެއްގެ މުދާ, ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެއެވެ.
ނަމަވެސް ހަވީރު 16:30 އިން ފެށިގެން 20:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް އެއްވެސް ބާވަތެއްގެ އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބުރިޖުން ހުރިހާ ގިންތިއެއްގައި މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުމާއި އަދި މި ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށާއި މި ނޫން ވަގުތުތަކުގައި ބުރިޖު މަތިން މުދާ އުފުލުމަކީ މަނާކަމެއް ކަމަށެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 އިން ފެށިގެން ހެނދުނު 6:00 އަށް ފެނާއި ކައްކާ ގޭސް ބުރިޖު ހުރަސްކޮށް ގެންދެވޭނެއެވެ. ނަމަވެސް މި ނޫން ވަގުތުތަކުގައި ބުރިޖު މަތިން ފެނާއި ކައްކާ ގޭސް އުފުލުމަކީ މަނާކަމެއް ކަމަށެވެ.
މި އެންގުމާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.