ޓެލެގޫ ފިލްމު ”އާރުއާރުއާރު“އިން އިންތިހާއަށް މަޝްހޫރުވެ، މަގުބޫލު ވެގެންދިޔަ ލަވަ ”ނާޓޯ ނާޓޯ“ އަށް އޮސްކާ އެވޯޑް ލިބިއްޖެ އެވެ. އެއީ ތާރީޚަށް ބަލާއިރު އިންޑިއާގެ ޕްރޮޑަކްޝަނަކުން ”ބެސްޓް އޮރިޖިނަލް ސޯންގް“ ކެޓަގަރީން އެކެޑެމީ އެވޯޑް ލިބުނު ފުރަތަމަ ލަވަ އެވެ.
އެ ލަވަ އިންޓަނެޓުގައި ތޫފާނެއްގެ ގޮތުގައި ފެތުރިގެން ދިޔައެވެ. އަދި އޮސްކާއަށް ހުށަހެޅުމުން އެންމެ ކުރީ ސަފުގައި ވާދަކޮށް ޝަރަފުވެރި އިނާމު ހޯދިއެވެ.
އޮސްކާ ހޯދި ލަވައަކީ 2022 ވަނަ އަހަރު ދައްކަންފެށި އާދަޔާޚިލާފަށް ކާމިޔާބު ޓެލެގޫ ފިލްމު ”އާރުއާރުއާރު“ގެ މަޝްހޫރު ލަވަ ”ނާޓޯ ނާޓޯ“އެވެ.

އެ ލަވައިގެ މިއުޒިކުގެ އަޑު އިވުމުން ލޭނާރުތައް ތެޅެމުންދާކަން އިހުސާސް ކުރެވެއެވެ. ހިތުގެ ވިންދު ހަލުއިވެގެން ދެއެވެ.
އެއީ އަސްލު މިނިވަންކަމުގެ ލަވައެކެވެ.
”ނާޓޯ ނާޓޯ“ ލަވައަކީ އޭގެ ޒާތުގައި މި ފިލްމުގެ ތަސްވީރެވެ. ފިލްމު ”އާރުއާރުއާރު“ގައި ދައްކަނީ މިނިވަންކަމަށްޓަކައި މޮޔަވެފައި ތިބި ހަނގުރާމަވެރިން ބާރުގަދަ އިނގިރޭސި ސަރުކާރާ ކުރިމަތިލާގޮތެވެ.
މި ފިލްމުގައި އިނގިރޭސި އެމްޕަޔަރ ތަމްސީލުކޮށްފައި ވަނީ އިނގިރޭސި އޮފިސަރެއް ކަމަށްވާ ގަވަރުނަރު ސްކޮޓް ބަކްސްޓަން އާއި އޭނާގެ އަންހެނުން ކެތަރިން އެވެ.
އެމީހުންނާއެކު އިނގިރޭސި ސަރުކާރުގެ ކުދިކުދި އޮފިސަރުންގެ ގްރޫޕަކުން ދޭތެރެ ދޭތެރެއިން އިންޑިއާ ރައްޔިތުން ތަޅައި އަނިޔާކޮށް ކޮޅުފައިން ޖަހައެވެ. އެކަމަކު ރާޖޫ އާއި ބީމާގެ ހިތްވަރުގަދަ ބުރަ މަސައްކަތުގެ ސަބަބުން އިނގިރޭސި ސަރުކާރަށް މަޖުބޫރު ވަނީ އިސްދަށަށް ޖަހާށެވެ.
”ނާޓޯ ނާޓޯ“އަކީ ހަގީގަތުގައި މިނިވަންކަމުގެ ލަވައެކެވެ. އެ ލަވައިގައި ބަލިކަށި ގައުމެއްގެ ބަޔަކު ފަޚުރުވެރިކަމާއެކު ނަށަނީ، ބޭރުގެ ބާރެއް ބަލިކޮށް އެކަމުގެ އުފަލުގައި ފަޚުރުވެރިކަމާއެކުގަ އެވެ.
”އާރުއާރުއާރު“ ފިލްމުގެ ވާހަކައަކީ ތާރީޚީ ވާހަކައެކެވެ. އެއީ ގައުމުގެ އިޙްސާސްތައް ފާޅުވެގެންދާ ފިލްމެކެވެ. އެހެންކަމުން އިންޑިއާއިން އެ ފިލްމަށް އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ލިބިގެން ދިއުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. ހަމައެގޮތަށް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބުމުން އެތައް ލައްކަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
”އާރުއާރުއާރު“ ވަނީ 2022 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމުތަކުގެ ގިނަ ލިސްޓުތަކުގައި ހިމެނިފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފިލްމު ދައްކަން ފެށިފަހުން ”އާރުއާރުއާރު“ ވެގެން ގޮސްފައި ވަނީ ޖަޕާނުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާ ފިލްމަށެވެ.
އެމެރިކާގެ މަޝްހޫރު މަޖައްލާ ”ދަ ނިއުޔޯކަރ“އަށް ފިލްމުގެ ޑައިރެކްޓަރު ރާޖަމޯލީ ދިން އިންޓަވިއުއެއްގައި ”އާރުއާރުއާރު“ ސިފަކޮށްފައިވަނީ ”އުފާވެރި ފޯރިގަދަ ފިލްމެއް“ގެ ގޮތުގައެވެ.
މިއަހަރުގެ ޖެނުއަރީ މަހު ބޭއްވި ނިއުޔޯކް ފިލްމް ކްރިޓިކްސް ސާރކަލް އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ރާޖަމޯލީއަށް ލިބިފައިވެ އެވެ. ހަމައެއާއެކު އެމެރިކާގެ އެހެން މަޖައްލާއެއް ކަމަށްވާ ”ރޯލިން ސްޓޯން“އިން ވަނީ ”އާރުއާރުއާރު“ އަކީ 2022 ވަނަ އަހަރުގެ ”އެންމެ މޮޅު“ އަދި ”އިންގިލާބީ ބްލޮކްބަސްޓާ“ ފިލްމް ކަމަށް ބުނެފަ އެވެ.
ޝައްކެއް ވެސް ނެތްގޮތުގައި ފިލްމު ”އާރުއާރުއާރު“ގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގެ މިއުޒިކާއި ޚާއްޞަކޮށް ”ނާޓޯ ނާޓޯ“ ލަވައެވެ. އެމެރިކާގެ މަޖައްލާ ”ވެރައިޓީ“އިން ބުނީ އެއީ ”ފިލްމާއި މިއުޒިކުގެ ނާރު ތެޅިފޮޅޭ ގޮވުމެއް“ ކަމަށެވެ.

ދުނިޔެއަށް މަޝްހޫރު އަދި ހުނަރުވެރި ރިހާނާ، ޓޭލާ ސްވިފްޓް އަދި ލޭޑީ ގާގާ ފަދަ މަޝްހޫރު މީސްމީހުން ބަލިކޮށް، ޖެނުއަރީ މަހު އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ”ގޯލްޑަން ގްލޯބް އެވޯޑް“ ވަނީ ”ނާޓޯ ނާޓޯ“އިން ހޯދާފަ އެވެ.
މިއަދު އިންޑިއާގައި މިލަވަ ބެލުންތެރިންގެ ތުންފަތުގައި އޮތްއިރު، އެންމެން ހޫމްހޫމް، ލައްވަމުން އެބަދެއެވެ. އޭގެ ބާރު ދުވެލީގެ ރާގުތަކަށް ނަށާ މީހުން ދެކެނީ އެއީ ތަފާތު އާދަޔާ ހިލާފު ލަވައެއް ކަމަށެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގެ ސައުންޑް ފަރުމާ ކުރާ އަނަންދު ކްރިޝްނާމުރްތީ ދެކޭ ގޮތުގައި އެ ލަވައަކީ ”މަޖާ ނެށުމުގެ ނަންބަރެއް“ ކަމަށެވެ. އެކަމަކު ބީބީސީއާ ވާހަކަ ދައްކަމުން އޭނާ ބުނަނީ ”އިންޑިއާގެ މީހުންނަށް މިއަށްވުރެ ރަނގަޅު ލަވަތައް ކަނޑައެޅިގެން ފެނިއްޖެ“ ކަމަށެވެ. އެކަމަކު މި ލަވައިން ކުރާ ފުން އަސަރާ މެދު އެއްވެސް މީހަކަށް އިންކާރެއް ނުކުރެވޭނެ އެވެ.
ބީބީސީއާ ވާހަކަ ދައްކަމުން އިންޑިއާގެ ލިޔުންތެރިޔާ ރީމާ ޚޯޚާރު ބުނީ މި ލަވަ ބަލާލުމުން ހީވަނީ ދާފަރާ ނެތް ހުސް ކަރަންޓް ވަޔަރެއްގައި އަތްލެވޭހެންނެވެ. އެއާއެކު އިޚުތިޔާރެއް ނެތި ތުރުތުރުއެޅުމާއެކު، ނެށުމުގެ ހަރަކާތުގެ ތެރެއަށް ވަދެވެއެވެ.
”ނާޓޯ ނާޓޯ“އަށް ”އޮސްކާ އެވޯޑު“ ލިބުމުން އިންޑިއާގެ ސިނަމާގައި ފަޚުރުވެރި ތާރީޚެއް ލިއެވިގެން ހިނގައްޖެއެވެ.