އީރާނާއި ސައުދީ އަރަބިއްޔާ އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރުމަކީ މެދުއިރުމަތީގައި އެމެރިކާގެ މަސްލަހަތަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ސިފަކުރަން ފަށައިފި އެވެ.
އީރާނާއި ސައުދީގެ ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކުރުމާ ބެހޭ ވާހަކައަކީ މި ވަގުތު ދުނިޔޭގައި ދެކެވޭ އެންމެ ހޫނު ސިޔާސީ ވާހަކަ އެވެ.
ޕާކިސްތާނުގެ ސެނެޓަރ މުޝާހިދު ޙުސައިން ސަޢީދު ވިދާޅުވީ ޗައިނާއިން އިސްނަގައިގެން ކާމިޔާބުކުރި މި އެއްބަސްވުމަކީ ސަރަހައްދުގެ ބާރުގެ ބެލެންސް މިސްރާބު ހާމަކޮށްދޭ އެއްބަސްވުމެއް ކަމަށެވެ.
ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމު ކުރުމަށް ޗައިނާއިން ވަނީ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރުވާފަ އެވެ.
ޕާކިސްތާނުން އ.ދއަށް ކުރީން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މަލީހާ ލޯދީ ވިދާޅުވީ އީރާނާއި ސައުދީ އެއްބަސްވުމަކީ އިސްރާއީލުގެ އިތުރުން އެމެރިކާއަށް ވެސް ލިބުނު ގެއްލުމެއް ކަމަށެވެ.
މަލީހާ ވިދާޅުވިގޮތުގައި އީރާން އެކަހެރި ކުރުމަށް އެމެރިކާއިން ކުރި މަސައްކަތް މިހާރު ވަނީ ނާކާމިޔާބުވެފަ އެވެ.
ސައުދީ ޖިއޮ ސްޓްރެޓެޖިކް މާހިރު ފަހީމް ޙާމިދު އަލްޙާމިދު ވިދާޅުވީ ޗައިނާއަކީ މުހިންމު ބާރެއް ކަމަށާއި އެ ސަރަހައްދުގައި ސުލްހައާއި ހަމަޖެހުމުގެ ރަމްޒެއް ކަމަށެވެ.
މަޝްހޫރު ތަހުލީލުވެރިޔާ ޢަދީލް ނަޖާމް ވިދާޅުވީ މި ހާލަތުގައި އެމެރިކާ ހިމޭނުން ނޯންނާނެ ކަމަށެވެ.
އެމެރިކާއިން އިސްރާއީލުގެ ހައްގުގައި މިހާތަނަށް މަސައްކަތްކުރަމުން ދިޔައީ އިރާގުގެ ރައީސް ސައްދާމު ޙުސޭންއާއި ލީބިޔާގެ ލީޑަރ ޤައްޛާފީއާއި ސީރިޔާއާއި އީރާނަކީ އަރަބީންނަށް ޚާއްޞަކޮށް ސައުދީ އަރަބިޔާއަށް އޮތް ބިރެއްކަމަށް ދައްކައިގެން ސައުދީގެ މުއްސަދިކަން ފޭރުމެވެ. ނަމަވެސް އީރާނާއި ސައުދީ އަރަބިޔާ ސިޔާސީ ގޮތުން ގުޅުމުން މުޅި މެދުއިރުމަތީގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެ އެމެރިކާއާއި އިސްރާއީލަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ.