އަށާވީސް އަހަރު ވާނދެން އެންމެ ބާވަތެއްގެ ކާއެއްޗެއް ކައިގެން މީހަކު ދިރިއުޅެފާނެ ކަމަށް ބުނުމުން ވަރަށް ގިނަ ބަޔަކު އެ ވާހަކަ ގަބޫލެއް ނުކުރާނެ އެވެ. ނަމަވެސް މިއަދު ގަބޫލުކުރަން ޖެހިފައިވާ ހަގީގަތަކީ ވޭތުވެދިޔަ 28 އަހަރު އެންމެ ބާވަތެއްގެ ކާއެއްޗެއް ކައިގެން ކެރެލާ ސްޓޭޓުގެ މީހަކު ދިރިހުރި ކަމެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓުގެ އުމުރުން 64 އަހަރުގެ ބާލަކްރިޝްނަން ޕިއްލައި ބުނީ ފާއިތުވި 28 އަހަރު ކާށި ކައިގެން އޭނާ ދިރިއުޅެމުން އަންނަ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކާށި ނޫން އެހެން އެއްޗެއް އޭނާ ނުކާ ކަމަށެވެ.
ބާލަކްރިޝްނަންއަކީ ޒުވާން ދުވަސްވަރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ނަމަވެސް އުމުރުން 35 އަހަރުގައި ބަނޑުގައި ވައި ހެދި އޭނާއަށް ގޭހުގެ ނުރައްކާތެރި ބައްޔެއް ޖެހި ކޮންމެކޮންމެ އެއްޗެއް ނުކެވި މީހާ ބަލިކަށިވެ ހިނގައިބިނގައިވެ އުޅެވޭ ގޮތް ނުވިއެވެ.
ބާލަކްރިޝްނަންއަށް ޖެހުނު ބައްޔަށް އެކިގޮތްގޮތަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާއަށް އިހުސާސުވީ ކާއްޓާއި ކާށިފެން ބުއިމުން އޭނާގެ ބައްޔަށް ވަރަށް ބޮޑު ލުޔެއް ލިބުނު ކަމަށެވެ. ދެން އޭނާ ވަރަށް އަވަހަށް ނިންމީ ހަމައެކަނި ކާށި ކެއުމަށެވެ. ކާށި ފެން ވެސް ބުއިމަށެވެ.
ވޭތުވެދިޔަ 28 އަހަރު ހަމައެކަނި ކާށި ކައި، ކާށިފެނާއި ކުރުނބާ ފެން ބުއިމުން، ބާލަކްރިޝްނަން މިހާރު ހުރީ ފުރިހަމަ ސިއްހަތެއްގަ އެވެ. ދުޅަހެއު ސިއްހަތެއްގަ އެވެ.
ބާލަކްރިޝްނަން ބުނި ގޮތުގައި މިހާރު އޭނާ ރެއާއި ދުވާލު ހަމައެކަނި ކާށި ކައި، ކާށިފެނާއި ކުރުނބާ ފެން ބޯން ފެށުމުން އޭނާގެ އާއިލާއިން ވަނީ ރުއް އިންދައި ހައްދަން ފަށާފައެވެ.
އޭނާ ބުނި ގޮތުގައި އޭނާގެ އާއިލާއިން ރުއް އިންދައި ހައްދަނީ ހަމައެކަނި އޭނާއަށް ޓަކައެވެ.