ފަސޭހައިން ކަންކަމާ ހާސަބޮޑުވެ އުނދަގޫވޭތަ؟ މީހާގެ އުފެއްދުންތެރިކަން ގެއްލި ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާ ކަމުގެ އިހުސާސް ކުރެވޭތަ؟ އާންމު ދިރިއުޅުމުގައި އެއްވެސް ކަހަލަ އުސޫލެއް ނެތި ކަންކަން އަތުން ދޫވޭތަ؟
ފަހަރުގައި މިއީ ހަމަ ނިދި ނުލިބުމާއި، ނިންޖާމެދު ފަރުވާކުޑަވެ ނިދީގެ އަސްލު ފައިދާތައް މީހާއަށް ނުލިބުމުގެ ނަތީޖާއަކަށް ވެދާނެއެވެ. ދިރިއުޅުމަށް ގެންނަ ކުދި ކުދި ބަދަލުތަކަކުން މިކަންކަން ހައްލުކުރެވިދާނެ އެވެ. ފުރަތަމަ ކުރަންވީ ކަމަކީ ކުޑަ ކަމަކުން މީހާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފާނެކަން ގަބޫލުކުރުމެވެ.
އެގޮތުން ތިމާއަށް ހަމަ ނިދި ލިބުމަކީ އޭގެ ސަބަބުން މީހާގެ ޕްރޮޑަކްޓިވިޓީ ރަނގަޅުވެ ދިރިއުޅުން ހަމަ މަގަށް އެޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާނެ ކަމެކެވެ.
ހަމަ ނިދި ހޯދުމަށް ކުރެވިދާނެ ކަންކަން:
- ކޮންމެ ދުވަހަކު ވެސް ނިދާނެ ގަޑިއާއި، ހޭލާނެ ގަޑީގެ ޝެޑިއުލްއެއް ބޭންދުން
- މެންދުރު 2 ގެ ފަހުން ކެފެއިން ގެ ބާވަތްތައް ބޭނުން ނުކުރުން
- ނިދުމުގެ 30 ގަޑި އިރު ކުރިން ފޯނާއި ލެޕްޓޮޕް އަދި ޓީވީ ފަދަ އިލެކްޓްރޯނިކް ޑިވައިސް ބޭނުން ނުކުރުން
- އެމީހަކަށް އެންމެ ހިންހަމަޖެހޭ ފިނި ހޫނު މިނެއްގައި ނިދާ ކޮޓަރި ބެހެއްޓުން
- އަނދިރި ތަނެއްގައި ނިދަން އާދަކުރުން
މި ނޫނަސް ރޭގަނޑުގެ ނިދީގެ ވަގުތަކީ ތިމާ އެ ވަގުތަކަށް އެދޭ، އަދި ދުވަހުގެ އެންމެ ހިންހަމަ ޖެހޭ ވަގުތައް ހެދުމަށް ކުރެވިދާނެ ކަންކަން ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި
- ނިދަން ލާން ގެންގުޅޭ ބާ ޓީޝާޓު ފަދަ ތަކެތި އުކާލައި، އައު އެއްޗެހި ހޯދުން
- ނިދާ ކޮޓަރީގައި ހިތްގައިމު ވަހެއް ދުވާނެ އެއްޗެއް ބޭނުންކުރުން
- އެނދުގައި ރަނގަޅު ކޮލިޓީގެ ބެޑްޝީޓު އެޅުން
- އެނދު ކައިރީގައި އަބަދުވެސް ފެން ތައްޓެއް ބެހެއްޓުން
ލިސްޓުކޮށްފައިވާ ކަންކަމަކީ ކުރަން މާ އުނދަގޫ ކަންކަމެއް ނޫނެވެ. ވަރަށް ފަސޭހަ ކުދި ކަންކަމެވެ. އެކަމަކު ދިރިއުޅުމުގައި އެކަމަކަށް އާދަ ވެފައި ނެތް ކަމެއް ކުރުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވެއެވެ. އެހެނަސް މިއީ އާދަ ކުރަންވީ މުހިންމު ކަންކަމެވެ.