ހުކުރު ދުވަހަކީ ދުނިޔެމައްޗަށް އިރުއަރާ ދުވަސްތަކުގެ ތެރެއިން އެންމެ މާތް މަތިވެރި އަދި ބަރަކާތްތެރި ދުވަސްކަމީ އެކަމާމެދަކު އެއްވެސް ސައްކެއް އޮތްކަމެއްނޫނެވެ. ހަފްތާގެ އެހެނިހެން ދުވަސްތަކާއި ޚިލާފަށް ހުކުރު ދުވަހަށް ޚާއްޞަ ކަންތައްތަކާއި މާތް ކަމެއް ވަނީ ލިބިގެންނެވެ.
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (أَضَلَّ اللَّهُ عَنْ الْجُمُعَةِ مَنْ كَانَ قَبْلَنَا ، فَكَانَ لِلْيَهُودِ يَوْمُ السَّبْتِ ، وَكَانَ لِلنَّصَارَى يَوْمُ الأَحَدِ ، فَجَاءَ اللَّهُ بِنَا فَهَدَانَا اللَّهُ لِيَوْمِ الْجُمُعَةِ ) رواه مسلم މާނައަކީ: “އަހަރުމެންގެ ކުރީގެ އުއްމަތްތަކުގެ މީސްތަކުން ހުކުރުދުވަހާއި މެދުގައި ޣާފިލުވީއެވެ. ޔަހޫދީންނަށް ހޮނިހިރު ދުވަސް ދެއްވިއެވެ. ނަޞާރާއިންނަށް އާދީއްތަ ދުވަސް ދެއްވިއެވެ. އަހަރުމެންނަށް ހުކުރުދުވަހުގެ ހިޔާތާއި މާތް ކަން ދެއްވިއެވެ”.
އަދިވެސް މިކަން ދަލީލިކޮއްދޭ ވަރަށްގިނަ ރިވާޔަތްތައް އައިސްފައި ވެއެވެ. އެގޮތުން މާތް ﷲ ރުއްސުންލެއްވި އައުސްބިން އައުސްގެ ކިބައިން ރިވާވެގެންއައިސްފައިވާ މާތް ރަސޫލާ ގެ މިއަންނަނިވި ހަދީޘް ފާހަގަކޮއްލެވެއެވެ. ” عن النبي صلى الله عليه وسلم قال : ( إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام) رواه أبو داود މާނައަކީ : “އިރުއެދުވަހެއްގެ މައްޗަށްއަރާ އެންމެހެޔޮދުވަހަކީ ހުކުރުދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ.
ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށީކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލައެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ”. އަދިވެސް މާތް ﷲ ރުއްސުންލެއްވި އަބޫލުބާބަތު ބިން ޢަބްދިލް މުންޛިރި ގެ ކިބައިން ރިވާވެގެންވެއެވެ. : قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ يَوْمَ الْجُمُعَةِ سَيِّدُ الأَيَّامِ ، وَأَعْظَمُهَا عِنْدَ اللَّهِ ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الأَضْحَى وَيَوْمِ الْفِطْرِ ، فِيهِ خَمْسُ خِلالٍ : خَلَقَ اللَّهُ فِيهِ آدَمَ ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الأَرْضِ ، وَفِيهِ تَوَفَّى اللَّهُ آدَمَ ، وَفِيهِ سَاعَةٌ لا يَسْأَلُ اللَّهَ فِيهَا الْعَبْدُ شَيْئًا إِلا أَعْطَاهُ ، مَا لَمْ يَسْأَلْ حَرَامًا ، وَفِيهِ تَقُومُ السَّاعَةُ ، مَا مِنْ مَلَكٍ مُقَرَّبٍ وَلا سَمَاءٍ وَلا أَرْضٍ وَلا رِيَاحٍ وَلا جِبَالٍ وَلا بَحْرٍ إِلا وَهُنَّ يُشْفِقْنَ مِنْ يَوْمِ الْجُمُعَةِ ) . رواه ابن ماجه މާނައަކީ: “ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ހަމަކަށަވަރުން ހުކުރު ދުވަހަކީ ދުވަސް ތަކުގެ ތެރެއިން އެންމެ ޚާއްޞަ ދުވަހެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެސް ދުވަހެވެ. އަޟްޙާ ޢީދާއި ފިޠްރު ޢީދުގެ ދުވަހަށް ވުރެވެސް މަތިވެރި ދުވަހެކެވެ. އެދުވަހުގައި ފަސްކަމެއް ހިމެނިފައިވެއެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ބިމަށް ތިރި ކުރެވުނީވެސް އެދުވަހުގައެވެ.
އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުގައެވެ. އަޅާ މާތް ﷲ ގެ ޙަޟްރަތުގައި ޙަރާމް ކަމެއް ފިޔަވާ އެހެން ކޮންމެ ކަމަކަށް އެދި ދަންނެވިނަމަވެސް އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އެދުވަހުގައިވެއެވެ. ގިޔާމަތްވާނީ ވެސް އެދުވަހުގައެވެ. އެދުވަހާއި މެދުގައި ބިރުވެތިނުވާ މަލާއިކަތެއް، އުޑެއް، ބިމެއް، ވައިރޯޅިއެއް، ފަރުބަދައެއް، އަދި ކަނޑެއް ނުވެއެވެ”. އެހެނީ ގިޔާމަތް ވަނީ ހުކުރުދުވަހުގައި ކަން އެތަކެއްޗަށް އެނގެއެވެ. ހެޔޮވިސްނުމަކުން ވިސްނާލުންހުއްޓެވެ.
އަދި ދަންނައެވެ. ހުކުރުނަމާދަކީ މުސްލިމް މިނިވަން ބުއްދި ސަލާމަތުންހުރި ބާލިޣުވެ ރަށުގައިޤާއިމްވެހުރި މިސްކިތައް ދިއުމަށްކުޅަދާނަވެގެންވާ ހުކުރުން ފަހަށްޖެހުން ހުއްދަ ކުރާ ޝަރުޢީ އެއްވެސް އުޘުރެއްނެތް ކޮންމެ ފިރިހެނެެއްގެ މައްޗަށް ވާޖިބުވެގެންވާ ޢައިނިއްޔަ ފަރުޟެއްކަމުގައި އުންމަތުގެ ޢިލްމުވެރި ދަންނަބޭކަލުން އިއްތިފަޤުވެވަޑައިގެންފައިވެއެވެ. އެކަން އެގިގެންދަނީ މި އަންނަނިވި ދަލީލުތަކުންނެވެ. މާތް ﷲ ކީރިތިޤުރުއާންގެ އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ) މާނައަކީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ”.
އަދިވެސް މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الصَّلاةُ الْخَمْسُ، وَالْجُمْعَةُ إِلَى الْجُمْعَةِ ، كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِر) رواه مسلم. ެ. (ފަރްޟު ފަސްނަމާދާއި، ހުކުރުން ހުކުރަކީ ބޮޑެތި ފާފަތަކަށް އަރައި ނުގަންނަހާ ހިނދަކު އެދެމެދުގައިވާހާ ކަންތަކުގެ ކައްފާރާއެކެވެ”. މާތް ﷲ ރުއްސުންލެއްވި ޢަބްދިﷲ ބިން ޢަމްރި- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ) މާނައަކީ: “ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ މަރުވާ ކޮންމެ މުސްލިމަކު ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ”. އަދިވެސް أبو هريرة رضي الله عنه ވިދާޅުވެފައި ވެއެވެ. ނަބިއްޔާ صلى الله عليه و سلم ޙަދީޘްފުޅު ކުރެއްވިއެވެ.
“ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުކޮޅު ތަކުގައި ދެމިތިއްބަވައެވެ. މިސްކިތައް ވަންނަ މީސްތަކުން އެންމެ ފުރަތަމަ އަދި އެއަށްފަހު ވަންނަ މީހުން އެތަރުތީބުން ލިޔުއްވައެވެ. އެންމެ ފުރަތަމަ ވަޤުތުގައި މިސްކިތައް ވަންނަ މީހުންނަށް ޖަމަލެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެއެވެ. ދެވަނަ ވަޤުތުގައި މިސްކިތައް ވަންނަ މީހުންނަށް ގެރިއެއް ހަދިޔާ ކުރުމުގެ ޘަވާބު ލިބިދެއެވެ. އެއަށްފަހު ތިންވަނަ ވަޤުތުގައި ކަންބަޅިއެވެ. އެއަށްފަހު ކުކުޅެކެވެ. އެއަށްފަހު ކުކުޅުބިހެއް ހަދިޔާކުރުމުގެ ޘަވާބެއެވެ. އިމާމް ޚުޠުބާ ދިނުމަށް ނުކުތުމުން މަލާއިކަތުން ލިޔުއްވާ ފޮތްތަށް ބަންދުކޮށްލެއްވުމަށް ފަހު ޒިކުރު އަޑުއެއްސެވުމަށް އިށީންނަވައެވެ.”
މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲބުން މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހުކުރުނަމާދަށް ފަހަށްޖެހުނު ބަޔަކަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅުކުރެއްވިއެވެ. “މީސްތަކުންނާއިގެން ހުކުރުކުރުމަށް އަމުރުކުރައްވާ ދެންހުކުރަށްނުގޮސް ފަހައްޖެހޭ މީހުންގެ ގާތަށް ތިމަންކަލެގެފާނު ވަޑައިގެން އެބައިމީހުންނާއި އެކު އެބައިމީހުންގެ ގެތައް ހުޅުޖަހާ އަންދާލެއްވުމަށް ތިމަންކަލޭގެފާނު ޤަސްތުކުރެއްވީމެވެ.” އަދިވެސް މާތް ﷲ އެދެބެއިކަލުންނަށް ރުއްސުންލެއްވި އަބޫހުރެއިރާ އާއި ޢަބުދުﷲ ބުނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ.
މިންބަރުގެ ހަރުފަތުގެ މަތީގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްފުޅުކުރައްވަނިކޮއް އެދެބެއިކަލުން އަޑުއެއްސެވިއެވެ. ” ބަޔަކުމީހުން ހުކުރުއެޅުމުން އެއްކިބާވާ ހުށިކަމެވެ. އެހެންނޫންނަމަ މާތް ﷲ އެބައިމީހުންގެ ހިއްތަކުގައި ސިއްކަޖައްސަވާފާނެއެވެ. އޭރުން އެބައިމީހުންވާހުށީ ޣާފިލްވިމީހުންގެ ތެރެއިންނެވެ.” އަދިވެސް މާތްﷲ ރުއްސުންލެއްވި އަބުލްޖަޢުދު އައްޟަމްރީގެ ކިބައިން ރިވާވެގެން ވެއެވެ. ކަލޭގެފާނު ވިދާޅުވިއެވެ.ހަމަކަސަވަރުން ރަސޫލް ޞައްލަﷲ އަލައި ވަސައްލަމް ހަދީޘް ފުޅުކުރެއްވިއެވެ. “ފަރުވާކުޑަކަމުން ޖެހިޖެހިގެން ތިން ހުކުރު ދޫކޮއްލައިފިމީހާ ދަންނާށެވެ. ﷲ އޭނާގެ ހިތުގައި ސިއްކަޖައްސަވާނެއެވެ”. ދަންނައެވެ. މިބަޔާންވެ ދިޔަ އެންމެހާކަންތައްތަކުން އެނގިފާޅުވާގޮތުގައި ހުކުރުނަމާދުގެ މާތްކަމާއި މަތިވެރިކަމާ މުޙިއްމުކަން ވަރައްރަނގަޅަށްހާމަވެ ދޭހަވެއެވެ.
ނަމަވެސް ކަންމިހެން ހުރިކަމުގައިވީނަމަވެސް އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހި މުސްލިމް މުޖުތަމަޢުގަ ހިތާމަކުރަންޖެހޭފަދަ ކަންކަން ފެންނަމުންދާކަމީ ބިރުގަންނަންޖެހޭވަރުގެ ހަޤީޤަތެކެވެ. އެހެނީ ހަފްތާގެ ދުވަސްތަކުގެތެރެއިން ކުރިންބަޔާންވެދިޔަފަދައިން ދުނިޔެމައްޗަށް އިރުއަރާ އަލިވެގެންދާ އެންމެމާތްދުވަސް އެބަހީ ހުކުރު ދުވަހަކީ އަޅުގަނޑުމެންނަށް ބޮޑު ޢީދުދުވަހެއްފަދަ ދުވަހެކެވެ. މިހެންމި ނަންގަންނަން ޖެހުނު ސަބަބަކީ އަޅުގަނޑުމެންގެ މިޤައުމުގައި ހުކުރުދުވަހަސް ޚާއްޞަވެގެން ވަނީ މުނިފޫހި ފިލުވުމާއި މަޖާކޮއްލަން ޢާއިލާއާ އެކު ޕިކުނިކު ދަތުރުގޮސްލާ ހަދާލުމަށް އޮތްދުވަހެއްކަމުގައިވުމެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ޕިކުނިކް ހަދާ ހިއްހަމަޖައްސާލަންވދަތުރުގޮސް ކުޅިވަރުކުޅެ މަޖަނަގާލަން ވިލިނގިއްޔަށާއި ކުޑަބަނޑޮހަށް އަދިއެހެނިހެންވެސް ފަޅުރައްރަށަށްގޮސްލާ ހުސްވަގުތުފުރާލާ ދުވަހަކަށް ހުކުރުދުވަސް މިވަނީވެފައެވެ. މީ އަޅުގަނޑުމެން އެންގެ ލޯމަތިން ފެންނަމުންދާ ދެބަސްވެވެން ނެއްހަޤީޤަތެކެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެއްނޫންތޯއެވެ! މިހެން ދަތުރުގޮސްއުޅޭ ގިނަ މީހުންނަށް ހުކުރުއަޅާ ފާއިތުވެ ދާއިރުވެސް ކަހާތަން ހިރުވާވެސްނުލާ މަޖަލާ ކުޅިވަރުގައި މަސްޢޫލުވެގެންތިބެއެވެ. ތިމާމެން ހައްދަވާ ގެންގުޅުއްވާ ރިޒުޤުދެއްވާ ބޭނުންހާ އަގުބޮޑު ނިޢުމަތްތައްދެއްވި މަތިވެރި މާތްﷲ އަށް އެއްވެސް ކުޑަވެސް ކިޔަމަންތެރިކަމެއް ބިރުވެތިވުމެއްނެތިއެވެ. މީ އަޅުގަނޑުމެން އެންމެންނައްވެސް މިހާރުވެސް ފެންނަމުންދާ ހަޤީޤީ މަންޒަރުތަކެކެވެ. ހިތާމަހުރިކަމެކެވެ.
ހަމައެކަނި ހުކުރުދުވަހު ދަތުރުގޮސް މަޖާނަގާވާހަކަ އެކަންޏެއްނޫނެވެ. ހުކުރައްނުގޮސް ހުކުރުވަގުތު ނިދާފައިތިބޭ ޒުވާނުވްވެސް މަދެކޭދެއްނެވޭކަށްނެތެވެ.މިވެސް ހަމަލޯމަތިން ފެންނަމުންދާ ހަޤިޤަތެކެވެ. އަދި ހަމަ މިގޮތަށް ފާހަގަކޮއްލެވޭ އަނެއްކަމަކީ ބައެއް ޒުވާނުނާ ބައެއް އުމުރުން ދުވަސްވީ ބޭފުޅުން ހުކުރުނަމާދުގެ ހުތުބާ ނިމޭގަޑިއަށް މުޞައްލައެއްހިފައިގެން ހަމައެކަނި ޖަމާޢަތުގައި ބައިވެރިވެލުމަށްޓަކައި ދާތަންފެނެއެވެ. ގިނަމީހުން މިގޮތަށް މިސްކތުންބޭރުގައި ގުޅިފައިވާ ސަފުތަކަށް ބަލާލުމެއްނެތި ޖެހުނު ތަނެއްގައި މުޞައްލައަޅާލައިގެންނަމެއްގަ ހުކުރުުކުރާތަންފެންނަނީކީވެސް މަދެއްކޮށެއްނޫނެވެ.
އަނެއްބަޔަކު މުޞައްލަ ހިފައިގެންގޮސް ހުތުބާކިޔާމުންދާއިރު ހުތުބާގެ އަޑުއެހުމެއްނެތި އޮލައަޅުވާލާފަ ވާހަކައިގަތިބެގެން ސިނގިރޭޓްބޮއި ދުންއަރުވަމުންދާމަންޒަރުވެސް ފެންނަމުންދަނީ މަދެއްކޮށެއްނޫނެވެ. މިފަދަކަންކަން އަޅުގަނޑުމެންގެ މުޖުތަމަޢުން މިފަދަކަންކަން މިގޮތައްފެންނަމުންދިއުމަކީ އަޅުގަނޑުމެންއެންމެންވެސް މިކަމާ ފުންކޮއްވިސްނާ މިފަދަ ކަންކަމުން މުޖުތަމައު ސަލާމަތްކުރުމަށް ހޭލުންތެރިކުރުވަން ގަދައަޅާމަސައްކަތްކުރަންޖެހިފައިވާކަމުގެ ހެއްކެކެވެ. ހުކުރުނަމާދަކީ އަޅުގަނޑުމެން މުސްލިމުންގެ އިޖުތިމާޢީ އުޚުއްވަތްތެރިކަން ރަމްޒުކޮއްދޭ ހައިބަތައި ޤަދަރު އުފުލިގެންވާ މުހިއްމު މަތިވެރި އަޅުކަމަކަށްވާއިރު މި މަތިވެރި އަޅުކަމުގެ މަތިން ހަނދުމަ ނައްތާލާ ޣާފިލްވެފައިވުމީ ފަހަރެއްގައި އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނަށް ހުކުރުނަމާދުގައި ބައިވެރިވުމުން ލިބިގެންދާ މަތިވެރި ޘަވާބާއި ދަރުމަ އެބައިމީހުންނަށް ނޭންގެނީކަމުގައިވެސް ވެދާނެއެވެ.
ޝައްކެއްވެސްނެތް ގޮތުގައި އެބައިމީހުންނަށް އެކަން އެނގޭނަމަ، އެބައިމީހުން ފިރުކިފައި ނަމަވެސް އެޖަމާޢަތުގައި ބައިވެރިވެ ހުކުރުނަމާދުގެ ފުރިހަމަ ދަރުމަޔާ ޘަވާބު ލިބިގަތުމަށް ދާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫނެވެ. ލޮބުވެތި އުޙުތުންނޭވެ. ހުކުރުދުވަހާ ހުކުރުނަމާދަށް މާތްކޮށް ހިތާ އިޙްތިރާމް ކޮށް ޤަދަރު ކުރުމަކީ ކޮންމެ މުސްލިމަކަށްމެ ވާޖިބުކަމެކެވެ. ﷲއަށް ކުއްތަންވެ ތަފާތު ހެއުކަންތައްތައް ކޮށް އަޅުކަމުގެ ދާއިރާގައި މިދުވަސް ހޭދަކުރުމަށް މިދުވަހަކީ ޣަނީމާތެއް ކަމުގައި ދެކެންވާނެއެވެ. މިދުނިޔެއަކީ ދުނިޔަވީ ޙައިޘިއްޔަތުން ޢާއިލީގުޅުން ބަދަހިކުރާދުވަހެއްގެ ގޮތުގައި ދުށުމަކީ ބާއްޖަވެރިޔަކު ކުރާނޭ ކަމެއް ނޫނެވެ.
މިދުވަހަކީ ދަތުރު ދާދުވަހެއްގެ ގޮތުގައި ބަލަން ހެއުނުވާނެއެވެ. މިދުވަހަކީ ޕިކުނިކު ދާދުވަހެއްގެ ގޮތުގައި ހެދުމަކީ މިދީނާއި ފުށުއަރާކަމެކެވެ. މިދުވަހަށް ޙާއްޞަވެގެންވާ އަދަބުތަކަކާއި ޙުކުމްތަކެއް މާތްވެގެންވާ މިދީނުގައި އެބަހީ އިސްލާމް ދީނުގައި ކަނޑައެޅިފައި ވެއެވެ. އެޙުކުމްތަކަށް ރައްކާތެރިވެ އެއަދަބުތަކުން ކޮންމެ މުސްލިމަކުމެ ޒީނަތްތެރިވާންވާނެއެވެ. އިބްނުލް ޤައްޔިމު ވިދާޅުވެފައި ވެއެވެ. ހުކުރު ދުވަހަށް މާތްކޮށް ހިތާ އެދުވަހަށް ދޭންޖެހޭ ޝަރަފުދީ ހެދުމަކީ ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގެ ތެރެއިންވާކަމެކެވެ. އެނޫން އެހެންދުވަސްތަކާއި ޚިލާފަށް އެދުވަސް އަޅުކަމަށް ޚާއްޞަ ކުރުންވެސް މީގެތެރޭގައި ހިމެނިގެންވެއެވެ. ލޮބުވެތި އަޚުންނޭވެ!
ހުކުރުގެ ނަމުން ނަންދެވިފައިވާ ޚާއްޞަ ސޫރަތެއް ކީރިތި ޤުރްއާނުގައި ﷲ ބާވާލައްވާފައިވާކަން އެނގިލައްވާތޯއެވެ؟ މީހަމަ ހަޤީޤަތެކެވެ. މި ސޫރަތުގައި ހުކުރު ދުވަހު އަޅުގަނޑުމެން މުއުމިނުންގެ ޢަމަލާއި ސުލޫކު ބަހައްޓަންވާ ގޮތް ވަރަށް ސާފުކޮށް ވަރަށް ރަނގަޅަށް އެސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
އާދެ! ހުކުރު ދުވަހުގެ ހުކުރުގެ ވަގުތުގައި ގަނެވިއްކުމާއި، އެހެނިހެން މަސައްކަތްތަކާއި ދުންޔަވީ އެންމެހައި ކަންކަމުން ދުރުވެ ﷲގެ މަތިވެރި ނިދާއަށް އިޖާބަ ދިނުމަށް އެކަލާނގެ މުއުމިނުންނަށް އަމުރުކުރައްވާފައިވެއެވެ. ހުކުރު ދުވަހުގެ ހުކުރުގެ ބަންގި ގޮވުމާއެކު އެއަށް އިޖާބަ ދިނުމަށް ﷲގެ އަމުރުފުޅު އައިސްފައިވުމުން ކަމުގެ ބޮޑުކަމާއި މަތިވެރިކަން ފާޅުވެގެންދެއެވެ. އަދި ހުކުރު ނަމާދު ނިމުމުން ދިރިއުޅުމުގެ މަސައްކަތްތަކުގައި މަޝްޣޫލުވެ ޙަލާލު ރިޒުޤު ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ﷲ ވަނީ ގޮވާލައްވާފައެވެ. މިކަމުންވެސް ދޭހަވެގެންދަނީ އިސްލާމްދީނުގެ މަތިވެރިކަމާއި ފުރިހަމަކަމެވެ. އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީންކަމެވެ.
ހުކުރު ދުވަހުގައި ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ މައްޗަށް ގިނަގިނައިން ޞަލަވާތްކިޔެވުމަކީ މަތިވެރި އަޅުކަމެކެވެ. އެކަލޭގެފާނުގެ މައްޗަށް އެދުވަހު ކިޔެވޭ އެންމެހައި ސަލާމާތް ޞަލަވާތެއް އެކަލޭގެފާނާއި ހަމައަށް ﷲ ފޯރުކޮށްދެއްވާނެކަމުގައިވެއެވެ.
ހުކުރު ދުވަހުގައި ކަހްފު ސޫރަތްކިޔެވުމަކީ ވަރަށް ގިނަގުނަ ޘަވާބާއި ދަރުމަހުރި މަތިވެރި ސުންނަތެކެވެ. އެއީ ނޫރެކެވެ. އަނެއް ހުކުރު އައުމާހަމައަށް މުސްލިމު އިންސާނާ އަށް ހުރި ރައްކާތެރިކަމެއްކަމުގައި ވެއެވެ. މިފަދަ މަތިވެތި އަޅުކަންކަމުން އަޅުގަނޑުމެން ޣާފިލުވެގެންނުވާނެއެވެ. އަދި، ހަމައެއާއެކު ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރެއްވޭ ޚާއްޞަ ވަގުތެއްވާކަމުގައިވެއެވެ. ބައެއް ދަންނަބޭކަލުން ވިދާޅުވަނީ އެވަގުތަކީ ހުކުރު ދުވަހުގެ ޚަޠީބު މިންބަރަށް އަރުއްވާވަޑައިގަންނަވާ ވަގުތުކަމަށެވެ.
އަނެއްބައި ދަންނަބޭކަލުން ވިދާޅުވަނީ އެއީ ހުކުރު ދުވަހުގެ އަޞްރު ނަމާދުގެ ފަހުގެ ވަގުތު ކަމުގައެވެ. ވީމާ، ހުކުރު ދުވަހުގެ މިދެންނެވި ވަގުތުގައި ގިނަގިނައިން ދުޢާކުރުމުގައި ދެމިތިބުމަކީ ވަރަށް މުހިންމުކަމެކެވެ. މިކަންކަމުގެ މައްޗަށް އަޅުގަނޑުމެންގެ އަމިއްލަ ނަސްފުތަކާއި ދަރީން ތަރުބިޔަތު ކުރުމަކީ އަޅުގަނޑުމެންގެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިވެގެންދާނެ ކަމެއްކަން ޔަޤީނެވެ. މާތްﷲ އަޅުގަނޑުމެން އެންމެންގެ އުޅުމާގުޅުން އިސްލާޙުކޮއްދެއްވާށި އާމީން!!.