ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ޝަޚުޞިއްޔަތެއް ކަމުގައިވާ ސަތީޝް ކޮޝިކް އުމުރުން 66 އަހަރުގައި މަރުވެއްޖެއެވެ.
ސަތީޝްއަކީ ފިލްމު ކުޅުމުގެ އިތުރަށް ފިލްމް ޑައިރެކްޓްކޮށް ފިލްމުތަކުގެ ސްކްރީން ޕްލޭ ލިޔެ އަދި ފިލްމު އުފައްދާފައިވާ މީހެކެވެ. އޭނާ މަޝްހޫރު ފިލްމުތަކެއް ޑައިރެކްޓް ކުރިކަމަށް ވިޔަސް ބޮޑަށް މަޝްހޫރު ވެފައި ވަނީ ޖޯކު ބައި ކުޅޭ މީހެއްގެ ގޮތުގައެވެ.
ސަތީޝްގެ އާއިލާއިން ބުނި ގޮތުގައި އޭނާ މަރުވީ ނިއުދިއްލީގައި ކާރެއްގައި ދަތުރުކުރަމުން ދަނިކޮށް ހިތް ހުއްޓިގެންނެވެ.

ސަތީޝް ކުއްލިއަކަށް މަރުވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމާ ހިތާމަފާޅުކޮށް ސަތީޝްއަށް ތައުރިފާއި ސަނާ ކިޔަމުންނެވެ.
އެކްޓަރު އަނޫޕަމް ޚޭރްއަކީ ސަތީޝްގެ ގާތް އެކުވެރިއެކެވެ. އޭނާ ޓްވިޓާގައި ލިޔެފައިވަނީ 45 އަހަރުގެ އެކުވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުނީ ކަމަށާއި މަރަކީ މިދުނިޔޭގެ އެންމެ ފަހުގެ ހަގީގަތް ކަމުގައެވެ. އަދި އޭނާ ވަކިވެގެން ދިއުމުން ދިރުއުޅުން ކުރީން އޮތް ގޮތަށް ނޯންނާނެކަމަށް ވެސް އަނޫޕަމް ބުނެފައި ވެއެވެ.
ސަތީޝް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 1987 ވަނަ އަހަރުގެ ސުޕަ ހިޓް ފިލްމް، ”މިސްޓަރ އިންޑިއާ“ގައި އޭނާ އަދާކުރި ބައިގެ ސަބަބުންނެވެ. އޭގެ ފަހުން ބައެއް ފިލްމުތަކުން އޭނާގެ ހެއްވާ މަޖާ ބައިތައް ފެނިގެން ގޮސްފައިވެއެވެ.