ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ޢަބްދުﷲ ރަޝީދު (މާޓީ) ގެ މަރުގެ މައްސަލައިގައި ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަ މަންޒަރު ތަފާތުކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވަނީ ރަޝީދުގެ މަރުގެ މައްސަލައިގައި މިހާތަނަށް އަޅާފައިވާ އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ އިމްރާނާ ސުވާލު ކުރައްވައިފައެވެ.
”އެ ހާދިސާ ހިނގާ ދިޔަ ގޮތުގެ ރިޕޯޓެއް އަޅުގަނޑު ހޯދިން. އެކަމާމެދު އިތުރަށް ބެލިން. އެއަށްފަހުގަ އާއިލާއާއެކުގަ ކުރަންވީ ކަންކަމާމެދުގަ ބައެއް މަޝްވަރާތައް ކުރިން. އެހެން ނަމަވެސް އެކަމުގެ ފަހުގެ އަޕްޑޭޓެއް ބަލައިލަން ޖެހޭނީ.“ ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވިއެވެ.
ސުވާލުގެ ޖަވާބު އިމްރާން ނުދެއްވާތީ ނިޒާމީ ނުކުތާއެއް ނަންގަވައި ފިރުޝާން އަނެއްކާ ވެސް ސުވާލު ތަކުރާރު ކުރެއްވިއެވެ.
ދެވަނަ ފަހަރަށް ތެދުވެވަޑައިގެން ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެ މައްސަލައިގައި ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަ މަންޒަރު ތަފާތު ކަމަށެވެ.
”އެ މައްސަލަ ބައްލަވަން ތިއްބެވި ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތާއި އެ މައްސަލަ ތަހުގީގުކުރީމަ ތަހުގީގީ ނަޒަރަކުން ބެލީމަ އެއަށް ގަބޫލުކުރެވޭ ގޮތާއި އޭގަ ފަހަތުގަ ހުރި ކަންކަމާ އެއީ އަޅުގަނޑު ހިތުން ތަފާތުކަމެއްކަން އެކަހަލަ މައްސަލަތަކުގެ ތެރެއަށްވަދެ ތަހުގީގީ ނަޒަރަކުން ބެލީމަ ފެންނާނެ.“
އަދި އެކަމުގައި ރައްޔިތުންގެ ކުރިމަތީގައި ހިނގައިދިޔަ 10 ވަރަކަށް މިނެޓުގެ މައްޗަށް އެކަނި ބެލުމަށްފަހު ގޮތެއް ނިންމުން ރަނގަޅު ނުވާނެ ކަމަށާއި މައްސަލައިގެ ފަހަތުގައި ބޮޑެތި ކަންތައްތަކެއް ހިނގާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.
”އެހެންވީމަ މެދުތެރެއިން ފެނިފަ އޮތް ބައެއްގެ މައްޗަށް ބަލާފައި މައްސަލައެއްގެ އެވަރުގެ ޖަޖްމެންޓެއް ނެރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންނަކަށް އެންމެ ރަނގަޅު ގޮތަކަށް ނުވާނެ.“
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫން ހައްޔަރުކުރިި އެ ރަށު ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާކަން ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް އިމްރާން ކުރިން ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ރަޝީދު މަރުވީ މިދިޔަ އޮކްޓޫބަރު 25 ގައެވެ.