ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަޙްމަދު ޝަކީލް އައްޔަންކުރުމަށް ނިންމައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަކީލް އައްޔަން ކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ ކުރިމަތިލެއްވުމުން ”ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ“ އިން އިންޓަވިއުކުރުމަށްފަހުއެވެ.
އެ ގޮތަށް ނިންމީ އިއްޔެ ބޭއްވި ކޮމިޝަންގެ 19 ވަނަ ބައްދަލުވުމުގައެވެ.
23 މާރިޗު 2003 ގައި ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ޝަކީލަކީ ވިލާ ކޮލެޖުން ގާނޫނީ ދާއިރާއިން ބެޗެލަރ އޮފް ޝަރީއާ އަދި މާސްޓަރ އޮފް ޝަރީއާ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަކީލް ވަނީ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވައިފައެވެ. މިވަގުތު އޭނާ ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައެވެ.
ޝަކީލަކީ މަނީލޯންޑަރިންގ މައްސަލައިގައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވެވި ފަނޑިޔާރެވެ.