ވިހިވަނަ ބައި
”ދެން މުސްކާން ފޯނު ނުނެގީ ކީއްވެ! ނޭނގޭތަ މަންމަ ގުޅިކަމެއް!“ އަނެއްކާ ވެސް މުސްކާން ފޯނު ނުނެގި ސަބަބަކާ މެދު ރިހާން ސުވާލު ތަކުރާރު ކުރިއެވެ.
”އަސްލު އޮފީހުގަ ވަރަށް ބިޒީ ދުވަހެއް. ބްރޭކަށް ގޮސް ފޯނު ބަލައިލެވުނީ. އޮތީ ވެސް ސައިލެންޓަށް ލެވިފަ! ސޮރީ ރިހާން… އަހަރެން ވަރަށް ދެރަ ވެއްޖެ!“ މުސްކާން ކުރިއަށް ޖެހިލާ މުސްކާންގެ ދެއަތުން ރިހާންގެ ދެ އަތުގައި ހިފަހައްޓައިލިއެވެ.
މުސްކާން ސަބަބު ހާމަ ކުރުމުން ވެސް ރިހާން ވަކި އެއްޗެކޭ ނުބުނެއެވެ. އަދި ހުރި ގޮތަށް އިސްދަށަށް ޖަހާލައިގެން ހުރުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގައިގަންނަން އުޅުމުން އަނެއްކާ ވެސް މުސްކާން ވާހަކަ ދެއްކި އެވެ.
”ރިހާން، ….. ކުޑާއްތަ ބުނި ކައިގެން އަންނާށޭ! އަހަރެން ކާން މިހަދަނީ! ހިނގާ މިތާ މޭޒުކައިރީ އިށީންނަން!“ ރިހާންގެ އަތުގައި ހިފާ ކުޑަކޮށް މުސްކާން ދަމައިލިއެވެ. މޭޒާ ކައިރިއަށެވެ. ރިހާންގެ ފަރާތުން ގަދަ ދެއްކުމެއް ދެކޮޅު ހެދުމެއް ނެތެވެ. އެހެންނަމަވެސް މުސްކާންގެ އަތުތެރޭ އޮތް ރިހާންގެ އަތް ދަމައިގަތެވެ. ރިހާންގެ މި ޢަމަލުން މުސްކާންގެ ހިތުގައި އިތުރަށް ޖެހުނެވެ. އަދި އިރުކޮޅަކަށް ރިހާންގެ މޫނަށް ބަލަހައްޓައިގެން މުސްކާންއަށް ހުރެވުނެވެ. ދެން ގޮސް ރިހާންއަށް ކާން ތައްޔާރުކޮށް މޭޒުމައްޗަށް ނެގިއެވެ. އެ ހުރިހާ ވަގުތަކު ދެމީހުން ކުރެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް އިރު އިރުކޮޅާ މުސްކާން ރިހާންއަށް ބަލަހައްޓައިގެން ހުރެއެވެ.
ކާން އިށީނުމުގެ ކުރިން މުސްކާން ރިހާންއަށް ބަތްތަށި މޮޑެދިނެވެ. އެއަށް ސަމުސަލެއް ވެސް ލައިދިނެވެ. ޖޫސްތަށި ކައިރިކޮށްދީ ފެންތަށިެވސް ހުންނަން ޖެހޭ ތަނުގައި ބެހެއްޓިއެވެ.
”ރިހާން، ކާން ފަށާ! ތަންކޮޅެއް އަވަސްކޮށްލާތި!“ މުސްކާންގެ އަޑުގައިހުރި އަސަރަކުން ރިހާން ދެރަވިއެވެ. އަދި މުސްކާންގެ ހިތުގައި ޖެއްސުނީތީ އެ ހިތަށް ތަދުވިއެވެ.
”މުސްކާން ވެސް އިށީނދޭ ކާން!“ މިފަހަރު އެ އަޑުގައިވަނީ އޯގާތެރި ކަމެވެ.
ވަކިއެއްޗެއް ނުބުނެ މުސްކާން ގޮސް މޭޒުގެ އަނެއް ފަރާތުގައި އިށީނެވެ. އަދި މުސްކާންއަށް ތައްޔާރުކުރި ޖޫސްތަށި ގަޔާ ކައިރިކޮށްލިއެވެ. އެއީ އެއަޑުން މުސްކާން ކަނީކަން ރިހާންއަށް އެންގުމަށެވެ.
”އަހަރެން ދެކެ ރުޅިންތަ!“ އެންމެ ފަހުން ރިހާން ސުވަލުކުރިއެވެ.
”އުނހު!‘ ކުރު ޖަވާބަކުން މުސްކާން ފުއްދައިލިއެވެ.
”އަހަރެންގެ މައިންބަފައިން ދެކެ އަހަރެން ވަރަށް ލޯބިވޭ! މިއަދު ދުނިޔޭގަ ހުރި ހަމަ އެކަނި އަހަރެންގެ އާއިލާ މީހަކީ އަހަރެން ގަބުލުކުރާ ގޮތުގައި އަހަރެންގެ މަންމަ! މުސްކާންއަށް ވަރަށް ރަނގަޅަށް އެނގޭނެ … މަންމައަށް ކަމެއް ވެއްޖިއްޔާ އަހަރެން އުޅެންޖެހޭނެ ހާލު….. އަހރެން އެކަނިވެރިވާނެ ވަރު.“ ރިހާންގެ އޑުގައިވަނީ ވޭނެވެ. މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ.
ރިހާންގެ މޫނަށް ބަލަހައްޓައިގެން އިން މުސްކާން އަކަށް ނީނދެވުނެވެ. ތެދުވެގެން ގޮސް ރިހާން ގާތު މަޑުކޮށްލިއެވެ. އަދި ރިހާން ވެސް މުސްކާންގެ ހިލަން ވުމުން އެދިމާއަށް މޫނު އަނބުރައިލިއެވެ. އެ ދެ ލޮލުގައި ފެނުމުގެ ނޫރު ނެތަސް އިސް އުފުލާލާ މުސްކާންއަށް ދެލޯ ހުއްޓައިލިއެވެ. އެވަގުތު މުސްކާން އަކަށް އޭނަގެ ހިއްސުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. އިތުރަށް ރިހާންއާ ގާތްވެލާ ރިހާންގެ ބޯ ގެނެސް މުސްކާންގެ މޭގެ ތެރޭ ފޮރުވައިލަ ދިނެވެ.
”ތިހެން ނުބުނޭ! އަހަރެން އަބަދުވެސް ރިހާންއާ އެންމެ ގާތުގަ ވާނަން! އުމުރަށް ވެސް ވާނަން! ދުވަހަކު ވެސް ދުވަހަކު ވެސް ރިހާންއާ ދުރަކަށް ނުދާނަން….. އިރާދަ ކުރެއްވިއްޔާ ދައްތައަށް އެއްވެސް ކަމެއް ނުވާނެ. ވަރަށް އަވަހަށް ރަނގަޅު ވެދާނެ!… ދައްތަ ރަނގަޅު ވަންދެން އަހަރެން އޮފީހުން ޗުއްޓީ ނަގާނަން… އޯކޭނު! ތިގޮތަށް ރިހާން ދެރަވެފަ ހުންނަތަން ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނޫން.“ ރިހާން ހިފީ މުސްކާންގެ ދެއަތުގައެވެ. އަދި މަޑުމަޑުން ރިހާންގެ ކަނދުރާގައި ވަށާލެވިފައިވާ މުސްކާންގެ އަތުގެ ނުފުށުގައި ރިހާންގެ ދެ ތުންފަތް ޖައްސައިލިއެވެ. ދެން ނޭފަތް ވެސް …..
”އަހަންނަށް އެނގޭ އަހަރެންދެކެ މުސްކާން ލޯބިވާކަން…. އެކަން ގަބޫލު ވެސް ކުރަން… އަދި އަހަރެން ވެސް..“
ފޯނުގެ ރިންގާ އެކު އެ ދެމީހުންނަށް ތެޅިގަނެވުނެވެ. އެ ގުޅަނީ ކުޑާއްތައެވެ. އެމީހުންވީ ހިސާބެއް ބެލުމަށެވެ.
ގުޅަނީ ކުޑާއްތައޭ މުސްކާން ބުނުމުން ރިހާން ބުނީ މި ދަނީ ކަމަށް ބުނުމަށެވެ. އަނެއްކާވެސް ހިތް ފުރެންދެން ވާހަކަ ދައްކާލަން ލިބުނު ފުރުސަތު ވާހަކަ ފުރިހަމަ ނުވެ ހުއްޓާލަން ޖެހުނީއެވެ. އެހެންނަމަވެސް މި ފަހަރު މުސްކާންއަށް ރިހާން ޖަވާބު ދީފިއެވެ. އެއީ ރީތިކަން އިންތިހާއަށް އެކުލެވިފައިވާ ޖަވާބެކެވެ. ލޯބީގައި އިންސާނަކަށް ލިބޭނެ އެންމެ ރީތި ޖަވާބަކީ ލޯބިވާ ފަރާތުން ލޯބިވަމޭ ބުނެ އިޤުރާރުވާ އިޤުރާުރުގެ ޖަވާބެވެ.
މުސްކާން ހިނތުންވެލަމުން ކުޑާއްތައަށް ޖަވާބު ދީފައި ރިހާންގެ ބޮލުގެ އިސްތަށިގަނޑުގައި ނޭފަތް ޖައްސާލުމަށްފަހު ދުރުވެލިއެވެ. އަދި އަވަހަށް ކައި ނިންމަން ބުނެފައި ވަނީ ކޮޓަރިއަށެވެ.
މުސްކާން އާއި ރިހާން އެކުގައި ހިނގާލާފަ ދިޔައިރު ރިހާން ހުރީ މުސްކާންގެ މުލައްދަނޑީގައި ހިފަހައްޓައިގެންނެވެ. ބައެއް ފަހަރު ވައި އަޑުން މުސްކާން ބުނެލާ ކަނާތް ފަރާތަށޭ ނުވަތަ ވާތްފަރާތަށޭ ބުނެލާ ބުނެލުން ފިޔަވައި އިތުރު ވާހަކައެއް ނުދެކެވެއެވެ.
އައިންތު އޮތް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޖޫސް ފޮދެއް ބޯން އެނދުގެ މެދަށް ތެދުވެ އިން އައިންތު ދޮރާ ދިމާއަށް ބަލައިލިއެވެ. އޭރު އައިންތުގެ ހުން ވެސް މަޑުވެލައިފިއެވެ. ލޭގެ ޕްރެޝަރ ވެސް ހަމައަކަށް އެޅިއްޖެއެވެ. އެހެންނަމަވެސް އަދި އައިންތު ހޮސްޕިޓަލުން ދޫކޮށްލާނެ އިރެއް ނުވަތަ ދުވަހެއް ނޭނގެއެވެ. މީހާ ފެންނަނީ ވަރަށް ވަރުބަލިކޮށެވެ.
ޖޫސްފޮދު އަވަހަށް ހުސްކޮށްލައިގެން އައިންތު އުޅުނީ ރިހާން އަތުގައި ހިފާލާށެވެ. އެކަން ވިސްނިގެން މުސްކާން ރިހާންގެ އަތުގައި ހިފާ ކުރިއަށް އައިންތާ ދިމާއަށް ދިއްކޮށްލަ ދިނެވެ.
”މަންމަގެ ދަރިފުޅު!“ އެހާ އިރުވަންދެން ހިފަހައްޓައިގެން އިން ކަރުނަތައް އައިންތުގެ ލޮލުން އޮހެން ފެށީ ހިފެހެއްޓުމެއް ނެތިއެވެ.
ދެމައިންގެ ލޮލުން ވެސް ކަރުނަ އޮހެމުން ދިޔައިރު އެކަކަށް އަނެކަކުގެ ކަރުނަތައް ފެނުނަސް އަނެކަކަށް ދެން ހުރި މީހާގެ ކަރުނަތަކެއް ނުފެނެއެވެ. އެހެންނަމަވެސް ރޮނީކަން އެނގެއެވެ.
އިރުކޮޅަކަށް މަޑުކޮށްލުމަށްފަހު މަރީ ހިނގައިގަތީ މިހާރު ދެން ގެއަށް ދަނީކަމަށް ބުނެއެވެ. އަދި ކަންކަން ކުރަންވީ ގޮތް މުސްކާންއަށް ކިޔައިދިނުމަށްފަހު އޭނަގެ ދައްތައަށް ހިތްވަރު ދީފައި މަރީ ދިޔައީއެވެ.
އައިންތު އަނެއްކާ ވެސް އޮށޯތީއެވެ. ވަރުބަލިކަމުން އޮށޯވެ މާގިނައިރެއް ނުވެ އައިންތު އަނެއްކާ ވެސް ލޯމެރުނީއެވެ.
ކޮޓަރިއަށް ވަންގޮތަށް އައިންތުގެ އަތުގައި ހިފެހެއްޓި ރިހާން އެތައް ގަޑި އިރެއް ފާއިތުވި އިރުވެސް އޭނަގެ މަންމަގެ އަތުން ދޫކޮށެއް ނުލައެވެ. ބައެއް ފަހަރު އޭނަގެ މަންމަގެ ނިތްކުރީގައި ފިރުމާލައެވެ. ބައެއް ފަހަރު އޭނަގެ މަންމަގެ ބޯ މޮޑެދެއެވެ. އަނެއް ބައި ފަހަރު ބުރަކަށީގައި މަސާޖު ކޮށްދެއެވެ. އެ ހުރިހާކަމެއް އެންމެ ގާތުން ދެކެން އިން މުސްކާންގެ ހިތުގައި ރިހާންއަށް ކުރީއްސުރެ އޮތް ގަދަރު އެތައް ގުނައަކަށް އުފުލިގެން ދިޔައެވެ. ރޭވެ ގަޑިން ނުވައެއް ޖެހުމާ ދެމެދު ހިނގި ވަގުތުގައި މުސްކާން އެތައް ފަހަރަކު އައިންތުއަށް ޖޫހާ މޭވާ ދިނެވެ. އައިންތު ރޭގަނޑުގެ ކެއުން ކާން ބޭނުންވީ ޑޮކްޓަރ އައިސް ވަކި އެއްޗެއް ބުނީމައެވެ. ކުރިއާ އަޅާބަލާއިރު އައިންތުގެ ލޯމަތިން ދިރުން ފެނި ހަށިގަނޑުގައި ވަރު ޖެހެމުންދާކަން މޫނުމަތިންނާ އެ ދެލޮލުން ފާޅުވާން ހުއްޓެވެ. ހޫނު ސަހަރާއެއްގައި ފެން ފޮދެއް ނުލިބި ހުރި ގަހަކަށް ފެން ލިބުމުން ދިރުން ފެންނަ ފަދައިންނެވެ.
އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ހަމަ ޖެހިފައިވާ ގަޑީގައި ޑޮކްޓަރ ދުރުވެ ބެއްލެވުމަށްފަހު އިތުރު ގޯހެއް ނުވަންޏާ މިރެއަށް ބަލާފަ އައިންތު ދޫކޮށްލާނެ ވާހަކަ ބުންޏެވެ.
ޑޮކްޓަރ އެނބުރި ދުރުވުމުން އައިންތު ބަލައިލީ މުސްކާންގެ މޫނަށެވެ.
”މުސްކާންއަށް ވަރަށް އުދަނގޫ އެބަކުރެވޭ ދޯ! ….. މިރޭ ކޮއްކޮއަށް އާދެވޭނެތޯ ގުޅާބަލަ!“ އައިންތުގެ ލޯހުރީ ރިހާންއާ ދިމާއަށެވެ. އައިންތު އެހެން ބުންޏަސް ރިހާން އަކަށް ނުގުޅޭނެކަން މުސްކާންއަށް އެނގެއެވެ. ރިހާންއަށް ބަލަހައްޓައިގެން އިން އައިންތު ދެން ބަލައިލީ މުސްކާން އަށެވެ. އޭރު އެދެމައިންނަށް ބަލަަހައްޓައިގެން އިން މުސްކާންއަށް އައިންތު ނިތް އެއްލުމުން ގުޅަން ޖެހޭނީ މުސްކާންކަން މުސްކާންއަށް އެނގުނެވެ.
މުސްކާން ދެތިން ފަހަރަކު ގުޅުމުން މަރީ ފޯނު ނެގިއިރު އޮތީ ނިދިފައެވެ. ބުނީ ވަރަށް ވަރުބަލި ކަމަށާ ބޮލުގައި ވަރަށް ރިއްސާކަމަށެވެ. މުސްކާންއަށް ހުރެވެންޏާ ހުރެ ދިނުމަށެވެ. މުސްކާން ހުރީ ފޯން ސްޕީކަރަށް ލައިގެން ކަމުން އިތުރަށް އައިންތު ކައިރީ ބުނާކަށް ނުޖެހުނެވެ. ފޯނު ބޭއްވުމަށްފަހު މުސްކާން ބުނީ ކުޑާއްތަ އަސްލު ވެސް ވަރަށް ވަރުބަލި ވާނެ ކަމަށާ މިއަދު ވަރަށް ގިނަ އިރު ދައްތަ ގާތު އިނދެފިކަމަށާ މިރޭ މުސްކާން އިނދެފާނެ ކަމަށެވެ.
އައިންތުގެ ލޮލުން މުސްކާންއަށް ފެނުނީ ޝުކުރުގެ ކުލަވަރެވެ. އެހެން އައިންތު ނުބުންޏަސް އެކަން މުސްކާންއަށް ފަހުމުވިއެވެ. އައިންތު މަޑު މަޑުން ބޯޖަހައިލއިެވެ.
”ދައްތަ ހިނގަ ކާން!“ އައިންތުގެ ބުރަކަށި ދަށަށް އަތް ލައްވާލާ ތެދުވާން އައިންތުއަށް އެހީ ވަމުން މުސްކާން ބުންޏެވެ. އަދި އިރުކޮޅެއް ކުރިން އޯޑަރ ކޮށްގެން ގެނައި ސެންޑްވިޗާ ކިރުތައްޓެއް އައިންތަށް ދިނުމަށްފަހު ބޭސް ދީފައި އައިންތު ގާތު އޮށޯވެލަން މުސްކާން ބުންޏެވެ.
”ތި ކުދިން ވެސް އެއްޗެއް ކާން ވީނު! އޯޑަރ ކުރިޔަސް ހެޔޮ…. ބޭނުމިއްޔާ ކާން ބޭރަށް ދިއަޔަސް ދައްތައަށް އޯކޭ! ރިހާންއަށް ފެންނަ ގޮތަކަށް ހަދާ!“ ބަސްއަހާ ކުޑަކުއްޖަކު ފަދައިން އޮށޯންނަމުން އައިންތު ބުންޏެވެ. މަންމަ ބުނި އެއްޗެއްގެ އަޑު އިވުމުން ރިހާން އެނބުރުނީ މުސްކާންގެ އަޑު އައި ދިމާއަށެވެ.
”ބޭރަށް ނިކުމެލާހިތްވަނީ!“ ރިހާންގެ އަޑު އިވުމުން މުސްކާން ވަރަށް އުފާވިއެވެ. އެއީ މުސްކާން ވެސް ބޭނުންވާ ގޮތްކަމަށް ވާތީއެވެ.
”މުސްކާން ދޭ ރިހާން ގޮވައިގެން! ދައްތަ ނިދާލާނަން! ދެ ކުދިން ކައިގެން އާދޭ!“ އައިންތު ނެގީ ބާލީސް ދަށުން އައިންތުގެ ވޮލެޓެވެ. އަދި އެއިން ލާރި ނަގާ މުސްކާންއަށް ދިއްކޮށްލިއެވެ.
”ދެން ދައްތާ! … މުސްކާން އަތުގަ ލާރި އެބަހުއްޓޭ!…“ މުސްކާންގެ ގޮތް އައިންތަށް ރަނގަޅަށް އެނގޭތީ އަލުން ވޮލެޓަށް ފައިސާ ލީއެވެ.
އައިންތު އޮތް ކޮޓަރީގެ ދޮރުން ނިކުތް ރިހާން އާއި މުސްކާންއަށް ކަރުނަވީ ލޮލަކުން ބަލަހައްޓައިގެން އޮތް އައިންތުއަށް އެދެވުނީ މުސްކާން ކަހަލަ ރަނގަޅު ގެވެހި ކަންކަމަށް ލޯހުޅުވިފައިވާ އަންހެން ކުއްޖަކު ރިހާންގެ ދިރިއުޅުމަށް އައުމަށެވެ. އެހެންނަމަވެސް އިންޑިއާގައި ތިބިއިރު ހައިދަރާ މުސްކާންގެ ކައިވެނީގެ ވާހަކަ ފާރޫގާ މުސްކާންގެ ބައްޕައާ ދެމެދު ދެކެވިފައި އޮތްކަން މުސްކާންގެ މަންމަގެ ފަރާތުން އައިންތަށް އޮތީ އެނގިފައެވެ. އެހެން އެވާހަކަ ދެކެވިފައި އޮތަސް އެކަން އައިންތު ދޫކޮށްލާނީ އެ ދެކުދިންގެ އަތްމައްޗަށެވެ. މުސްކާން ފުރަތަމަ އެގެއަށް އައިސްގެން އުޅުނު ދުވަސްކޮޅު ހައިދަރާ ވަރަށް ގާތްވެގެން ވާހަކަ ދައްކާ މަޖާކޮށް އުޅުނެވެ. އެހެންނަމަވެސް ފަހުން ފަހުން އައިސް މުސްކާންގެ ނަޒަރުން އައިންތުއަށް ފަހުމުވީ އެހެން ގޮތެކެވެ. ކޮޓަރިން ހަމަ ނިކުމެވުމާއެކު މުސްކާން ހިފީ ރިހާންގެ އަތުގައެވެ. އެ އަތް ދުރަށް ލާކަށް ނުވަތަ އެ އަތުގެ ޙިމާޔަތުން ބޭރުވެގަންނާކަށް ރިހާން ވެސް ނޫޅެއެވެ. އެވަގުތު އެދެމީހުން ހިނގާފައި ދާމަންޒަރު ފެނުނު ކޮންމެ މީހަކަށް ވެސް ފެނުނީ އެއީ ވަރަށް ގުޅޭ ޖޯޑެއްގެ ގޮތުގައެވެ.
-ނުނިމޭ-