ނަވާރަވަނަ ބައި
”މަންމާ!“ މިފަހަރު ރިހާންގެ އަޑަށް މުސްކާން ދިޔައީ ހަގީގަތުގައި ވެސް ސިއްސައިގެންނެވެ.
”ރިހާން، … މީ މަށޭ!“ މުސްކާންގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. އެކަން ރިހާންއަށް ވެސް ފާހަގަވިއެވެ.
”ކޮބާ މަންމަ!“ އޮޅުން ފިލުވަން ބޭނުންވާ ރާގަކަށް ރިހާން ސުވާލުކުރިއެވެ.
”އަދި ނުނިކުމޭ!…. އިށީނދޭ! އަހަރެން ކޮފީ ހަދައިދޭނަން!“ އެ އަޑުގައިވަނީ އަޅާލުމެވެ. ލޯތްބެވެ.
ރިހާން ހިފެހެއްޓީ ކައިރީހުރި ގޮނޑީގެ އަތްގަނޑުގައެވެ. ދެން މަޑުމަޑުން އެއްފަރާތްވެލާ ޖެހިގެން ހުރި ގޮނޑި ދަމާލައިގެން އިށީނެވެ.
ވަރަށް އަތްމަތި އަވަސް އަވަސް ކޮށްލައިގެން އެހެންނަމަވެސް މީރުކޮށް ރިހާންއަށް ކޮފީ ހަދައިފަ ދެވޭތޯ މުސްކާންބެއްޔެވެ. ފަހަރެއްގައި އައިންތު އައިއްސިއްޔާ އެ ފުރުސަތު ވެސް މުސްކާން އަތުން ގެއްލިދާނެތީއެވެ. ކޮފީތަށި ރިހާންގެ ކުރިމަތީ ބަހައްޓަމުން މުސްކާން ހިފީ ރިހާންގެ އަތްތިލާގައެވެ. އަދި ކޮޓަރިއަށް ވަށްކަޅިން ބަލައިލުމަށްފަހު މިހިރީ ކޮފީތައްޓޭ ބުނެލިއެވެ.
ރިހާން ކޮފީތަށި ނަގާ ތުނބުގައި ޖައްސައިލަންދެން ވެސް މުސްކާން ހުރީ އެ ސިހުރެއްފަދަ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހިނިތުން ވެވިފައެވެ. މުސްކާން ބޭނުންވީ ރިހާންއަށް މުސްކާން ހަދައިދިން ކޮފީމީރޭ ބުނާއަޑު އެހުމަށެވެ. ނުބުނަންޏާ އެކަން މޫނުމަތިން ނަމަވެސް ދެނެގަތުމަށެވެ. އެކަން ކާމިޔާބު ވެސް ވިއެވެ.
”އަހަރެން ރިހާން މަތިން ވަރަށް ހަނދާންވޭ! ވަރަށް މިސްވޭ….. ހިތަށް އަރާ!“ މުސްކާން އަނެއްކާ ވެސް ބަލައިލީ އައިންތުގެ ހިލަމެއް ވޭތޯ އެ ކޮޓަރީގެ ދޮރާދިމާއަށެވެ.
”ހިތަށް އަރާ…. ކުރިން ގޮތަށް ޓެރެސްއިން އަހަންނަށް ރިހާންއާ ދިމާވާނެ ނަމައޭ! ވާހަކަ ދައްކާލަން އިނދެވޭނެ ނަމައޭ!“ އެ ހިސާބަށް ވާހަކަ ބުނެވުނު އިރު މުސްކާންގެ އަޑު ބެދިއްޖެއެވެ. ދެ ލޮލުން ފެން އަންނަގޮތް ވެއްޖެއެވެ.
”އަހަރެން ކަމަކު އެދެންތަ!“ އެ އިވުނީ ރިހާންގެ ފަރާތުން މިހާތަނަށް މުސްކާން އެހި އެންމެ ފޮނި ލަފުޒު ތަކެވެ. އެދޭނީ ކޮންކަމެއްކަން ނޭނގުނަސް ވެހެވެ. އެކަމަކު ނަސީބު ވަރަށް ދެރަ އެވެ. އައިންތު ހޭލައިފިކަން ފާޚާނާގެ ދޮރުލެއްޕުނު އަޑުން މުސްކާންއަށް ކަށަވަރު ވެއްޖެއެވެ.
”ރިހާން، މަންމަ…“ މުސްކާން ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. އެހެންނަމަވެސް ދެތިން ފިޔަވަޅު އެޅުމަށްފަހު މުސްކާން އެނބުރި އައިކޮޅަށް އައެވެ. އޭރު ރިހާން ވެސް ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގަންނަނީއެވެ. ދުވެލާފަ އައި މުސްކާންގެ ފިޔަވަޅުގެ އަޑު އިވުމުން ރިހާންގެ ހިނގުމަށް ހުއްޓުމެއް އައެވެ.
”އައި ލަވްޔޫ. އައި ވިލް ލަވް ޔޫ ފޮރ އެވަރ!“ ރިހާންގެ ކަންފަތާ ކައިރިވެލާފަ މުސްކާން ބުނެލި ދެ ޖުމުލަ އަޑު އިވުމުން ރިހާން ހުރީ ހުއްޓުން އަރާފައެވެ. އެ ދެ ލަފުޒުގެ އަޑާއެކު ދެން މުސްކާން ގެނައި ޙަރަކާތަކީ މީގެ ކުރިން ދުވަހަކުވެސް ރިހާން ކޮށްފައި ނުވާ މުޅިން އަލަށް ކުރެވުނު ތަޖުރިބާއެކެެވެ. މުސްކާންގެ ފައިގެ އިނގިލިތައް މައްޗަށް ހިއްލިލާފަ ރިހާންގެ ކޮލުގައި ދެ ތުންފަތް ޖައްސައިލިއެވެ. މޫނުގައި ދެއަތުން ހިފަހައްޓައިލަމުންނެވެ. ރިހާންއަށް ހީވީ ދުނިޔެ ހުއްޓުނުހެންނެވެ. އެ ހޫނުކަން، އެ ފޮނިކަން، އެ އަރާމުކަން، ….. އެ ލަފުޒުތަކުގެ މަސްތާއެކު އިތުރު ފޮނި މީރުކަމެއް …… ރިހާން ހުރީ ހަގީގަތުގައި ވެސް ހުއްޓުން އަރާފައެވެ. އޭނަގެ މުޅި ވުޖޫދު ނަށައިލިއެވެ. އެއީ ކޮންކަހަލަ ދަމާބާރެއް އެކުލެވިފައިވާ ދެ ލަފުޒުހެއްޔެވެ! ކޮންކަހަލަ ފިނި ފޮނިކަމެއް އެކުލެވޭ ހޫނު ދެ ތުންފަތް ހެއްޔެވެ! އަދި އެ ހިމަ ދިގު އިނގިލިތަކުގެ ބީހުން… ވާވް…
”މުސްކާން…. މުސް، އައި ލަވްޔޫ ޓޫ!“ އެއްވެސް ޙަރަކާތެއް ނެތި ހުރި ރިހާންއަށް ބުނެވުނީ އެހާ ވަރަށެވެ. އެއީ ރައްދެއް ނޫނެވެ. ޖަވާބެއް ވެސް ނޫނެވެ. އެއީ އޭނަގެ ހިތުގެ އަޑިން ބޭރުވެގެން ދިޔަ އޭނަގެ ހިތުގެ ވިންދުގެ އަޑެވެ. ހިތުގެ ގޮވުމުގެ އަޑެވެ. އެއަޑު ލަފުޒުތަކަކުން އެމުނިގެން ގެތިގެން އައިސް އެ ދެ ތުންފަތުގެ ތެރެއިން އެންމެ ފަހުން ފުރާނަ އެޅިގެން ނިކުތީއެވެ. މީގެ ކުރިން އެ އަޑު، އެ ލަފުޒުތައް އެހީ ހަމަ އެކަނި އޭނަގެ ރޫހެވެ. މިއަދު އެ އަޑުގައި ހަގީގީ ކުލަ ޖެހިގެން އައީ އެވެ.
ރިޙާންގެ އަޑު އަހާކަށް އަދި އަޑު އިވޭ ހިސާބަކު ވެސް މުސްކާންއެއް ނެތެވެ. އޭނަގޮސް ނިމިއްޖެއެވެ. ކޮޓަރިއަށް ވަދެ ދޮރުލެއްޕީއެވެ. މަންމައަށް ބިރުންނެވެ. މުސްކާން ކޮޓަރިއަށް ވަންއިރު ވެސް އަދި އައިންތު ފާޚާނާއިން ނުނިކުމެއެވެ. އެހެންވެ މުސްކާން ހިނިތުން ވެލައިގެން އެނދުގައި އިނެވެ. ދެފައި އެނދުން ތިރިއަށް އެލުވާލައިގެން އައިންތު ނިކުތުމުގެ އިންތިޒާރުގައެވެ. އެހެން އިންއިރު މުސްކާންގެ ހިތް ތެޅޭވަރުން މޭގައި ދެފަހަރަކު ފިރުމައި ވެސް ލިއެވެ. އެއީ އުފަލުން ގޮސް އޭގެ މަގާމުގަިއ އޮންނަން އުދަނގޫވެގެން ތެޅޭ ހިތެކެވެ. މުސްކާންގެ މޫނުމަތިން ފެންނަނީ ހަމަ ޖެހުމެވެ އުފަލެެވެ. މާ ބޮޑު އިޚުތިޔާރަކާ ނުލައި އިރުކޮޅެއް ކުރިން ކުރެވުނު ކަންކަމާމެދަކު މުސްކާން ފިކުރެއް ނުހިންގައެވެ. އަދި ކީއް، އެކަމާ މުސްކާން އިނީ އުފަލުންނެވެ. އެއީ މުސްކާންއަށް ނަގަން އުދަނގޫވެ ނުކެރި ހުރި ފިޔަވަޅެކެވެ. ލޯބީގެ ބާރުގައި އެ ފިޔަވަޅު އެޅުވީއެވެ.
މުސްކާން ސިއްސައިގެން ދިޔައީ އައިންތު ފާޚާނާގެ ދޮރު ހުޅުވާލާފައި ނިކުތް އަޑަށެވެ. އައިންތު ފެނުމާއެކު މުސްކާން ހުރީ ތެދުވެ ކޮޅަށެވެ.
”ދައްތާ، މިއަދު ކިހިނެއްވީ. ބަލީތަ! ހޭނުލެވުނީތަ!“ މުސްކާންގެ މޫނުމަތީގައި ހުރި އުފާވެރިކަން ފޮރުވަމުން އައިންތުއާ ވާހަކަ ދެއްކީ އެއީ ހަގީގަތުގައި ވެސް މުސްކާން އޮޅުން ފިލުވަން ހުރި ކަމަކަށް ވާތީއެވެ.
”ކުޑަކޮށް ހުންވައްތަރު ވެލާފަ…. ނޭނގެ. އުދަނގޫ ގޮތެއް އެބަވޭ!“ ދައްތަ ސައިބޯން ވީނު. މުސްކާން ސައި ހަދާފަ ހުންނާނީ!…. މެންދުރަށް ކައްކާނެ ކަމެއް ނެތް…. ކޮންމެވެސް ގޮތެއް ހަދާނަން!… ދައްތަ ސައިބޮއެ!“ މުސްކާން ވަނީ ފާޚާނާއަށެވެ.
އޮފީހަށް ދާން ތައްޔާރުވެގެން މުސްކާން ނިކުތްއިރު އައިންތު އިނީ މޭޒުކައިރީ ތައްޓަކަށް ރޮއްޓެއް ލައިގެން އިށީނދެއެވެ. ކާކަށް ނޫޅެއެވެ. މުސްކާން އެއް އަތުގައި އޮތް ފޯނާ އަނެއް އަތުގައި އޮތް އަތްދަބަސް އެއްފަރާތު ގައި ބެހެއްޓުމަށްފަހު އައިންތުއަށް ކިރުތައްޓެއް ހަދައިދިނެވެ. އަދި ހިނގައިގަންނަމުން ކަމެއް ބޭނުންވިއްޔާ ގުޅާށޭ ވެސް ބުންޏެވެ. ނިކުމެ ނިކުމެ ހުރި މުސްކާން އަނެއްކާވެސް ހުއްޓިލާފަ ވާހަކަ ދައްކަން ފެށީ އައިންތު ހަމަވަރަށް ބަލިހެން ހީވާތީއެވެ.
”ދައްތާ،.. ރިހާންއަށް ގޮވަންތަ!“ ރިޙާންގެ ނަން ކިޔަން ފަސް ޖެހެވުނަސް މުސްކާން އެސުވާލުކުރީ އެކަން ކޮށްދޭ ހިތުންނެވެ.
”ދައްތަ ގޮވާލަފާނަން! މުސްކާން ދޭ!“ އައިންތުގެ އެ ޖަވާބުން މުސްކާން ދެރަވިއެވެ. އެހެންނަމަވެސް މުސްކާން ނިކުމެގެން ދިޔައީއެވެ.
އެއީ އޮފީހުގެ މަސައްކަތުގައި ވަރަށް ބުރަކޮށް އުޅެން ޖެހުނު ދުވަހެކެވެ. އެހެންކަމުން މުސްކާންއަށް އެހެންކަމަކަށް ވިސްނާލާކަށް ވެސް ވަގުތެއް ނުލިބުނެވެ. އެކެއް ޖެހުމުން ބްރޭކަށް ދާން އެހެން ދެތިން ކުދިންނާ އެކު ބޭރަށް ނިކުތް މުސްކާންއަށް ކުއްލިއަކަށް އައިންތު މަތިން ހަނދާން ވެއްޖެއެވެ. އަވަހަށް ދަބަހުން ފޯނު ނެގީ އައިންތުއަށް ގުޅާލުމުގެ ބޭނުމުގައެވެ. ފޯނު އޮތީ ސައިލެންޓަށް ލެވިފައެވެ. ފޯނު ހުޅުވައި ބަލައިލިއިރު އައިންތުގެ ނަމްބަރުން ފަސް މިސްކޯލް އޮތެވެ. މުސްކާންއަށް ހީވީ ބިންގަނޑު ފައިދަށުން ދެމިގަތްހެންނެވެ. ތެޅިގަނެފައި އަވަހަށް އެ ނަމްބަރަށް ގުޅައިލިއެވެ. ޖަވާބެއް ނުލިބުނެވެ. ދެން ގުޅާނީ ވެސް ކާކަށްހެއްޔެވެ! ރިހާން ނަމްބަރެއް މުސްކާން އަތަކު ނެތެވެ. އަނެއްކާ ވެސް ދެ ފަހަރަކު ގުޅައިލިއެވެ. ޖަވާބެއް ނުލިބުނެވެ. ރެސްޓޯރެންޓަށް ވަދެ ކާން އޯޑަރު ދިން ކާއެއްޗެހި އައިސްގެން ކާން ފެށިޔަސް އެ ކާއެއްޗިއްސަކު މިއަދަކު މުސްކާންއަށް މީރު ރަހައެއް ނުދެއެވެ. އިހުސާސް ވަނީ ކޮންމެވެސް ކަމަކަށް އިހުމާލް ވެވިއްޖެ ކަމެވެ.
ކެއި ކާއެއްޗިއްސަށް ބިލް ނުދެއްކިގެން އުޅެނިކޮށް ފޯން ރިންގވާން ފަށައިފިއެވެ. އަވަސް އަވަހަށް ފޯނު ނަގައި މުސްކާން ބަލައިލިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އެހެންވިޔަސް މިއަދު އެ ފޯނުކޯލް މުސްކާން ނަގާނެއެވެ. އެއީ ރިހާންގެ ނަމްބަރަށް ވެސް ވެދާނެއެވެ.
ހީކުރި ގޮތާ ޚިލާފަށް އެއީ ރިހާންގެ ނަމްބަރެއް ނޫނެވެ. އެހެންނަމަވެސް އެއީ އައިންތުގެ ޚަބަރެއް ފުރަތަމަ ފަހަރަށް ވި ފޯން ކޯލްއެވެ. ބިލް ދައްކަން ފައިސާ މޭޒުމަތީ ބެހެއްޓުމަށްފަހު ވަރަށް އިމަރޖެންސީ ވެއްޖެއޭ ބުނެ މުސްކާން ދުއްވައިގަތެވެ.
އައިޖީއެމް ހޮސްޕިޓަލުގެ އައިންތު ބާއްވާފަ އޮތް ރޫމަށް މުސްކާން ވަންއިރު ވިސްނެމުން ދިޔައީ އައިންތަށް ވީގޮތަކާމެދުގައެވެ. ރިހާންގެ ކުޑާއްތަ މަރީ ގުޅުމުން މި ވަގުތު އައިންތު ގާތު އެއިނީ ކުޑާއްތަކަން މުސްކާންއަށް އެނގެއެވެ.
އެ ރޫމްގެ ދޮރު ހުޅުވައިލުމަށްފަހު މުސްކާން ދޮރުމަތީ މަޑުކޮށްލިއެވެ. ދުވެފަ ކަހަލަ ގޮތަކަށް އައުމުން މުސްކާން ހުރީ މަތިހަށިނެގި މާ ނޭވާ ލެވިފައެވެ. މުސްކާން ކޮޓަރިއަށް ވަން އަޑަށް މަރީ އެނބުރިލިއެވެ. އޭރުވެސް އައިންތު އޮތީ ލޯމެރިފައެވެ. ވައަތަށް ހުރީ އައިވީ ގުޅާފައެވެ.
މަރީ ބަލައިލިތަން ފެނުމުން މުސްކާން ކުރިއަށް ހިނގައިގަތެވެ.
”ކުޑާއްތާ! ދައްތައަށް ކިހިނެއްވީ؟ އެހާ ބަލިވާހަކައެއް ނުބުނޭ ހެނދުނު ވެސް.“ މުސްކާންގެ އަޑުން ކަންބޮޑުވުން ފާޅުވެއެވެ.
”ޑޮކްޓަރ ބުނުއްވީ ލޭ ވެސް ވަރަށް މަތިކަމަށް. ހުން ވެސް ވަރަށް ގަދަކޮށް ހުރީ. ދައްތަ ގުޅައިގެން އަހަރެން އެގެއަށް ދިޔައިރު ވެސް…!“ މަރީ އައިންތުގެ ނިތުގައި އަތް ޖައްސައިލިއެވެ.
”ދައްތަ ފޯނުން ވަރަށް ގުޅާފަ ހުރި. އަހަރެން ވަރަށް ބިޒީކޮށް މި އުޅުނީ! އެހެންވެ ފޯނަށް ބަލައެއް ނުލެވުނު. އަނެއްކޮޅުން ސައިލެންޓްގަ ފޯނު އޮތީ ވެސް!“ މުސްކާން، އައިންތު ގުޅުމުން ފޯނަށް ޖަވާބު ނުދެވުނު ސަބަބު ބުނެދިނީ ދެރަވެހުރެގެންނެވެ.
”މުސްކާން ދާންވީނު ރިހާން ބަލާ! އހަރެން މިތާ މަޑުކުރާނަން! އެ ސޮރު ހުންނާނީ ވަރަށް ދެރަވެފަ!“ ރިހާންގެ ޚިޔާލު މުސްކާންގެ ސިކުނޑިއަށް އައީ ވެސް މަރީ އެހެން ބުނުމުންނެވެ.
މުސްކާން ކުރިއަށް ޖެހިލާ އައިންތަށް ދެ ފަހަރަކު ގޮވައިލިއެވެ. އައިންތު ލޯ ހުޅުވައި ވެސް ލިއެވެ. އެކަމަކު އަނެއްކާ ވެސް ލޯ މެރުނީއެވެ. މާ ވަރުބަލީކަންނޭނގެއެވެ.
މަރީ ބުނި ގޮތަށް ރިހާން ބަލާ ދާން މުސްކާން ހިނގައިގަތެވެ.
”ރިހާންއަށް ކާންދީގެން އަދި މުސްކާން ވެސް ކައިގެން އަންނާތި!“ މަރީ ބުނި އެއްޗަކަށް ބޯ ޖަހައިލަމުން މުސްކާން ކޮޓަރިން ނިކުތެވެ.
ގޭގެ ތަޅުދަނޑިފަތި ނަގައިގެން ސިޓިން ރޫމުގެ ދޮރުހުޅުވި އަޑަށް ސިޓިންރޫމުގެ ސޯފާގައި އިން ރިހާން ފުންމައިގެން ތެދުވިއެވެ.
”މަންމާ!“ ރިހާން އެތާ އިނދެދާނެކަމަށް ވިސްނިފައި ނެތް މުސްކާން، ރިހާންގެ އަޑު އިވުމުން ދިޔައީ ސިއްސައިގެންނެވެ.
”މީ މަށޭ!“ މުސްކާން ދިޔައީ ސީދާ ރިހާން ކައިރިއަށެވެ.
”މުސްކާންއަށް އެނގޭތަ މަންމަ ބަލިކަން. ކީއްވެ މަންމަ ގުޅުމުން ފޯނު ނުނެގީ! ހާދަ ވަރަކަށް މަންމަ ގުޅިއޭ!“ ރިހާންގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިފައި ވިއެވެ.
”މަންމަ ކައިރިއަށް ހޮސްޕިޓަލަށް ވަދެފަ މި އައީ! ކުޑާއްތަ އެބައިން…. ކުޑާއްތަ ބުނެގެން ރިހާން ބަލާ މި އައީ ވެސް…“ މުސްކާން ހުރީ ރިހާން ވާހަކަ ދެއްކި ރާގުން ދެރަވެފައެވެ.
”ދެން މުސްކާން ފޯނު ނުނެގީ ކީއްވެ! ނޭނގޭތަ މަންމަ ގުޅިކަމެއް!“ އަނެއްކާ ވެސް މުސްކާން ފޯނު ނުނެގި ސަބަބަކާ މެދު ރިހާން ސުވާލު ތަކުރާރު ކުރިއެވެ.
”އަސްލު އޮފީހުގަ ވަރަށް ބިޒީ ދުވަހެއް. ބްރޭކަށް ގޮސް ފޯނު ބަލައިލެވުނީ. އޮތީ ވެސް ސައިލެންޓަށް ލެވިފަ! ސޮރީ ރިހާން… އަހަރެން ވަރަށް ދެރަ ވެއްޖެ!“ މުސްކާން ކުރިއަށް ޖެހިލާ މުސްކާންގެ ދެއަތުން ރިހާންގެ ދެ އަތުގައި ހިފަހައްޓައިލިއެވެ.
-ނުނިމޭ-
Varah reethi, mihaa dhuvas kohfa up vi iruves haadha kurey