އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް III ރަސްމީ ގޮތުން ރަސްކަމާ ހަވާލުވެވަޑައިގަތުމަށް ބާއްވާ ރަސްމިއްޔާތުގައި ރަސްގެފާނުގެ ހަނގުދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މެގަން މާކަލް ބައިވެރިވެވަޑައިގެންފިނަމަ އެ ތާރީހީ ރަސްމިއްޔާތު ވަރަށް ބޮޑަށް ”ހަލާކުވެގެންދާނެ“ ކަމަށް ޝާހީ އާއިލާއަށް ލަފާއަރުވާ ބައެއް ފަރާތްތަކުން ވިދާޅުވަމުން އެބަ ގެންދަވައެވެ.
ޝާހީ އާއިލާގެ ވާހަކަތައް ގެނެސްދެއްވާ ޓޮމް ބަވަރ ދެކެވަޑައިގަންނަވާ ގޮތުގައި ރަސްގެފާނުގެ އިސްތަށިފުޅުގައި ތާޖު އެޅުވުމުގެ މުހިއްމު ރަސްމިއްޔާތުގައި ހެރީއާއި އޭނާގެ އަނބިކނބަލުން މެގަމް ބައިވެރިވެވަޑައިގެންފިނަމަ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނާވާ އިނގިރޭސި ރަސްކަމަށް އިޙްތިރާމް އަދާ ކުރާ ވަރަށް ގިނަ ބަޔަކަށް ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން ލިބިގެންދާނެ އެވެ. އެއީ ހެރީއާއި މެގަމް އަމަލުކުރައްވަމުން ގެންދަވާ ގޮތުންނާއި ދައްކަވާ ވާހަކަތަކުގެ ސަބަބުން ޝާހީ އާއިލާއަށް ހުތުރު އަރަމުންދާތާ އަހަރުތަކެއް ވެފައިވާތީ އެވެ. ރަސްކަމަށް ތާއިދުކުރާ މީހުން ތިބީ އެކަމާހެދި ހެރީގެ ދެ ކަނބަލުންދެކެ ވަރަށް ބޮޑަށް ފޫހިވެ ރުޅިގަދަވެފަ އެވެ. ނަމަވެސް ރަސްގެފާނު ޗާލްސް III ގެ ހަނގު ދަރިފުޅާއި އޭނާގެ އަނބިކަނބަލުންނަށް ދައުވަތު ނުދެއްވައި ރަސްމިއްޔާތު ބޭއްވުމަކީ ވެސް ކުރެވޭވަރުގެ ކަމެއް ނޫނެވެ.
ޝާހީ އޮބްޒާވަރު ވިދާޅުވީ ރަސްގެފާނު ޗާލްސް III މިކަމުގައި ސީރިއަސް ނިންމުމެއް ނިންމަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ޝާހީ އޮބްޒާވަރު އަދި އެހެން ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި ހެރީގެ ދެކަނަބަލުން އެ ރަސްމިއްޔާތަށް ވަޑައިގެންފިނަމަ ގިނަ ބައެއްގެ ސަމާލުކަން އެ ދެބޭފުޅުންނަށް ހުއްޓި މުޅި ރަސްމިއްޔާތު ކިލަނބުވެގެންދާނެ އެވެ.
”ހުރިހާ ފޯކަސްއެއް ހެރީ އާއި މެގަންއަށް ހުއްޓޭނެ.“ ޓޮމް ބަވަރ އިތުރަށް ވިދާޅުވިއެވެ. ”އަޅުގަނޑަށް ހީވަނީ ޕްރިންސް ހެރީގެ ސުލޫކުގެ ސަބަބުން އަނެއްކާވެސް މީހުން ރުޅިގަދަވާނެހެން.“
މިހާރު އެމެރިކާގައި ދިރިއުޅުއްވާ ޕްރިންސް ހެރީއާއި މެގަމް، ރަސްމަކާ ޗާލްސް ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރާނީ އެލިޒަބަތު މިދިޔަ އަހަރު އަވަހާރަވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތަށް ރަސްމީކޮށް ޗާލްސް III އިސްކޮށް ރަސްކަމުގެ ތާޖުއެޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހުގައެވެ.