ގދ.ތިނަދޫ ސިޓީއެއްގެ ގޮތުގައި ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވައުދާ ގުޅޭ ގޮތުން ކުރި ސުވާލަށް ސަރުކާރުން ޖަވާބެއް ނުދެއްވިއެވެ.
ތިނަދޫ ސިޓީއަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޞާލިޙް ވައުދުވެވަޑައިގަތީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެ ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އޭރު ވިދާޅުވީ ތިނަދޫ ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ އެ މަނިކުފާނާއެކު ކުރިއަށް ގޮސްގެން ކަމަށެވެ. އަދި އިންތިޚާބު ނިމި, ލަސްތަކެއްނުވެ ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ވެސް ރައީސް ޞާލިޙް އޭރު ވިދާޅުވިއެވެ.
”އިންތިޚާބަށްފަހު ލަސްތަކެއްނުވެ މި ރަށް ސިޓީއަކަށް ބަދަލުކުރުމުގެ ރަސްމިއްޔާތަށް އަޅުގަނޑު އަންނާނަން.“ ރައީސް ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އެއްވެސް ޖަވާބެއް ދެއްވައިފައެއް ނުވެއެވެ.