ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.
ޕީޕީއެމްގެ ސެނެޓަރ އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޒާގެ ޖަނާޒާ އޮންނާނީ މެލޭޝިޔާ ގަޑިން މާދަމާ ހެނދުނު 09:00 ގައެވެ.
ރިޒާގެ ޖަނާޒާގައި ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީނާއި ޕީޕީއެމްގެ ސެނެޓަރ ޒާހިދު ރަމީޒު ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ތައުޒިޔާ ކިޔައި ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒާއަކީ އެ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އަދި ޑީއާރްޕީއާއި ޕީޕީއެމް އުފެއްދުމުގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.
ރިޒާ އަވަހާރަވުމަކީ އެ ޕާޓީއަށާއި ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ޕީޕީއެމްއިން ބުންޏެވެ.