އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މޯލްޑިވްސް ޑިވެލޮޕްމަން އެލަޔަންސް (އެމްޑީއޭ) އަށް ދައުވަތުދީފިއެވެ.
ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު (ސަން ސިޔާމް) ގެ އެމްޑީއޭއާ ކޯލިޝަން ހަދަން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނިންމީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ލަފާފުޅުގެ މަތިންނެވެ.
އެ ގޮތުން އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު އެމްޑީއޭއަށް ފޮނުވައިފައެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ކޯލިޝަނު އެމްޑީއޭއަށް ކޯލިޝަން ހެދުމުގެ މަޝްވަރާއަށް ދައުވަތު ދިނުމާއެކު ވަގުތުން އެ ޕާޓީން އެކަމަށް އިޖާބަދީ މިއަދު ހަވީރު 17:00 އަށް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެ ބައްދަލުވުން އޮންނާނީ ސަން ސިޔާމް ބިލްޑިންގ ގައެވެ.
2013 ވަނަ އަހަރު ރައީސް ޔާމީން އެންމެ ފުރަތަމަ ކޯލިޝަން ހެއްދެވީ އެމްޑީއޭއާއެވެ. އަދި އެ ވެރިކަން ނިމެންދެން ޔާމީނާއެކު އޮތް ހަމައެކަނި ޕާޓީއަކީ ވެސް އެމްޑީއޭއެވެ.