އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ކެމްޕޭން ހަރަކާތެއް މާދަމާރޭ ވިލިމާލޭގައި ބާއްވަން ހަމަޖައްސައިފިއެވެ.
ވިލިމާލެ ނެއިބަރހުޑް ބައްދަލުވުން ކުރިއަށްދާނީ މާދަމާރޭ 21:00 ގައި ކަޅުތުއްކަލާ މަގު އަދި ވާރުމަގު ބެދޭ ސަރަހައްދުގައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢުމަރު ރަސްމީކޮށް އިއުލާނު ކުރެއްވީ މި މަހުގެ 3 ވަނަ ދުވަހުގެރޭ ސަލްޓަންޕާކްގައި ބޭއްވި ޖަލްސާގައެވެ.
ޢުމަރުގެ ކެމްޕޭން ޝިޢާރަކީ ”އާ މިސްރާބަކަށް“ މި ޝިޢާރެވެ.
ސަލްޓަންޕާކްގައި ބޭއްވި ޖަލްސާގައި ޢުމަރު ވަނީ ރާއްޖެ އާ މިސްރާބަކަށް ގެންދަން ރާއްޖެއަށް 50 ބަދަލެއް ގެންނަވާނެ ކަމަށް ވިދާޅުވެ އޭގެތެރެއިން ބައެއް ކަންކަން ހިއްސާ ކުރައްވައިފައެވެ.
ޢުމަރު ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ހިފައި, އެ ޤުރުއާނުގައި ހުރި ގޮތަށް އޭނާ އަމަލު ކުރައްވާނެ ކަމަށެވެ. އަދި “އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަން ކޮށްފައި“ ކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.