ހިޔާ ފުލެޓުތަކުގައި ގަވާއިދާ ޚިލާފަށް އަމަލުކުރަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލެޓުތަކަކީ އެންމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދު ކަމަށާއި އެ ގޮތުން ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވައިދުތަކެއް އެ ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާފައިވާ ކަމަށެވެ.
ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައެޅިފައިވާއިރު އިމާރާތުގެ ސްޓަރަކްޗަރަށް ގެއްލުންވާފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން މަނާ ކުރެވިފައިވާ ކަމަށާއި، އިމާރާތް ބޭނުން ކުރުމުގައި އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް އުސޫލުތަކެއް ހެދިފައިވާކަން އެޗްޑީސީން ފާހަގަކުރިއެވެ.
އެ ގޮތުން ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯރ ކަނޑައަޅާފައިވާ ނަމަވެސް އެކި ފަހަރު މަތިން އުސޫލުތަކާއި ގަވައިދުތަކާއި ޚިލާފު ގިނަ ކަންތައްތަކެއް ކުރަމުންދާ ފާހަގަކުރެވެމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އޭގެތެރޭގައި ބައެއް އެޕާޓުމަންޓްތަކުގައި ވަޑާމުގެމަސައްކަތް ކުރުމާާއި އެކި ވިޔަފާރިތަކަށް ޔުނިޓުތަކުގެ ބޭނުން ކުރުމާއި، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުމާއި، އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.
އެ ގޮތަށް ކަންކަން ކުރާކަމަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާއިރު، މިހާރު ވެސް މިކަމަށް ޚާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
”މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލައި އެކަށީގެންވާ ފިޔަވަޅުތައް ގަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެ.“
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލެއަކީ ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ އަދި ރައްކާތެރި ވެއްޓެއް ގާއިމު ކުރެވިފައިވާ ރަށަކަށް ހެދުން ކަމަށާއި މިކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށެވެ.