ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން މާދަމާ ކުރިއަށް ގެންދަން ނިންމާފައިވާ އިހުތިޖާޖު ފަސްކޮށްފިއެވެ.
މި އިހުތިޖާޖު ބާއްވަން ފުރަތަމަ ތާވަލުކުރީ މިދިޔަ ހުކުރު ދުވަހަށެވެ. ނަމަވެސް މި މަހުގެ 20 ވަނަ ދުވަހު ޕީޕީއެމްއިން ބުނީ އިހުތިޖާޖު މާދަމާއަށް ފަސްކޮށްފައިވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމްއިން މިހާރު ވަނީ އެހެން ދުވަހެއްގައި އެ އިހުތިޖާޖު ކުރިއަށް ގެންދަން ނިންމައިފައެވެ.
”ގުރައިދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒު އިބްރާހީމް ރިޒާ އަވަހާރަވުމުގެ ހިތާމައިގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ”ތިޔަހެން ނުވިއްކޭނެ“ ހިނގާލުން ފަސްކުރެވުނު ވާހަކަ ދަންނަވަމެވެ.“ ޕީޕީއެމްއިން މިއަދު ބުންޏެވެ.
ނަމަވެސް އިހުތިޖާޖު ދެން ބާއްވާނެ ތާރީޚެއް ހާމައެއް ނުކުރެއެވެ.