މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޖަލުތަކުގެ ވެރިޔާ އަޙްމަދު މުޙައްމަދުފުޅު މިއަދު ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންތަކުގެ ތެރެއިން ހަރުކަށި ފިކުރަށް ނިސްބަތްވާކަމަށް ސަރުކާރުން ބުނާ ގައިދީން ބައިތިއްބާފައި ތިބޭ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރާތާ ދުވަސްކޮޅެއްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓުވީޓެއްގައިވަނީ އެކަން ދޮގުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ މާފުށި ޖަލުގެ ޔުނިޓް 11 ގައި ތިބޭ ގައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ބުނެ ދައުރުވަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އެ ޔުނިޓުގެ އެއްވެސް ގައިދީއަކަށް އަނިޔާއެއް ކޮށްފައިނުވާ ކަމަށާއި އަދި އެ ޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ކުރިއަކަށްނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.