ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ރިޒާގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތައުޒިޔާ ވިދާޅުވެ ރައީސް މިއަދު ކުރެއްވި ޓުވީޓުގައިވަނީ ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައިފައެވެ.
“ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްއުސްތާޒު އިބްރާހީމް ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް. މަރްހޫމްގެ އާއިލާއަށް އިޚުލާސްތެރި ތައުޒިޔާ ދަންނަވަން. މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި.“
ރޭގެ ވަގުތެއްގައި ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޒާވަނީ މެދުނުކެނޑި 13 އަހަރު ވަންދެން މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ. 2009 ވަނަ އަހަރު އެންމެ ފުރަތަމަ ރިޒާ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ އަމިއްލަ ގޮތުން ވާދަކުރައްވައިގެންނެވެ.
ޕީޕީއެމް އުފެދުމުން ފަހުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.
ރިޒާއަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.