އައްޑޫ ސިޓީ ހުޅުދޫން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ވަނީ، ސަރުކާރުގެ ”ގެދޮރުވެރިކުރުން“ ޕްރޮގްރާމްގެ ދަށުން އެ ސިޓީގެ ހުޅުދޫގައި އިމާރާތް ކޮށްފައިވާ 48 ފްލެޓްގެ ތެރެއިން A ކެޓަގަރީގެ 27 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 41 ފަރާތުގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިންޓް ދީފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ.
ސަރުކާރުގެ ގެޒެޓުގައްޔާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ވެބްސައިޓުގައި އެ ލިސްޓު ވަނީ ޝާއިއުކޮށްފައެވެ.
ޕޮއިންޓު ލިބިފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަމަހުގެ 9 ވަނަ ދުވަހުގެ ކުރިން ހުޅުދޫ އަވަށު އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.
ޝަކުވާ ހުށަހަޅާ ފޯމް އައްޑޫ ސިޓީ ކައުންސިލް އިދާރާއާއި އަވަށު އޮފީސްތަކުން ލިބޭނެއެވެ. މި ފޯމް އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނީ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިއުލާން ކުރެވޭނީ ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށެވެ.