ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމަކީ އެ ޕާޓީއަށާއި ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެއް ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޒާ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ސެނެޓަރ އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ ރިޒާ އަވަހާރަވި ޚަބަރު އެހީ ވަރަށްވެސް ފުން ހިތާމައާއެކު ކަމަށެވެ.
ރިޒާއަކީ އެ ޕާޓީ އުފެދުނީއްސުރެ ޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށާއި ޑީއާރްޕީއާއި ޕީޕީއެމް އުފެއްދުމުގައި ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ގާނޫނީ ވަކީލެއްގެ ގޮތުގައި ދިވެހި ދައުލަތަށް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރިޒާ އަވަހާރަވުމުގެ ހިތާމައިގައި އިދިކޮޅު ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ މަރްހޫމްގެ ލޮބުވެތި ޢާއިލާއަށާއި ގުރައިދޫ ދާއިރާގެ ތިން ރަށްކަމުގައިވާ ގުޅިއާއި މާފުށްޓާއި ގުރައިދޫގެ އެންމެހައި ރައްޔިތުންނަށް ރައީސް ޔާމީނާއި ކޯލިޝަންގެ ނަމުގައި ތައުޒިޔާ ދަންނަވާކަމަށް ވެސް ޕީޕީއެމްއިން ނެެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.