ގައިދީއެއްގެ ހަށިގަނޑުތެރޭގައި ފޮރުވައިގެން މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށި ޖަލަށް ގެނައި ގައިދީއެއް ޑްރަގް އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގާފައިވާ ކަމަށެވެ.
ގައިދީގެ ހަށިގަނޑުގެ އެކްސްރޭ ނަގައި ބެލިއިރު ޑްރަގް ފޮރުވާފައިހުރީ ފުރަގަސް ފަރާތުގައިކަމަށް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.
އަޙްމަދު މުޙައްމަދުފުޅު ވަނީ ގައިދީގެ ހަށިގަނޑުގައި ޑްރަގް ފޮރުވާފައި ހުރި ގޮތް ފެންނަ އެކްސްރޭއާއި އަތުލައިގަތް ޑްރަގްގެ ފޮޓޯއެއް ވެސް ހިއްސާކުރައްވައިފައެވެ.
”މާފުށީ ޖަލަށް ގެނައި ގައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސް ފަރާތް ބޭނުންކޮށްގެން ވައްދަން މަސައްކަތްކުރި މަސްތުވާތަކެތި ވަނީ ފުލުހުންނާއި ގުޅިގެން އަތުލައިގަނެވިފަ.“
އަތުލައިގަތް މަސްތުވާތަކެތި ހުރީ ޖޫސްޕެޓީ ކޮތަޅެއްގައެވެ. އެ ތަކެތީގެ ބަރުދަނަކީ ކިހާވަރެއް ކަމެއް ކޮމިޝަނަރ އޮފް ޕްރިޒަންސް ހިއްސާކުރައްވައިފައެއް ނުވެއެވެ.