ރޯދަމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ އާންމު ޖަލްސާގައި މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ދިހަ ވަރަކަށް ހާސް ޢާއިލާ ދިރިއުޅެމުން ދާކަމަށާއި, ރޯދަމަހު މާލެ ގޮސް ނުވަތަ ދުރު ހިސާބުތަކަށްގޮސް ތަރުކާރީއާއި މޭވާ ފަދަ ތަކެތި ހޯދުމަކީ އެ ފަރާތްތަކަށް ދަތި ކަމަކަށްވާނެ ކަމަށެވެ.
އެހެންކަމުން މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއް ގޮތަށް މިކަން ކުރިއަށްގެންދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަގުތީ ލޯކަލް މާރުކޭޓު ހުޅުވާނީ މާލެ ސިޓީ ކައުންސިލަށް ވެސް އެއިން އާމްދަނީއެއް ލިބޭގޮތަށް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
ލޯކަލް މާރުކޭޓް ހިންގުމާއި މެދުގައި މަޝްވަރާކުރަން ނިންމީ އެ ތަނުގައި ދިރިއުޅޭ ގިނަ ބަޔަކު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ވާތީކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި މިކަމާގުޅޭ މަޝްވަރާތައް އެޗްޑީސީއާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ނުރަސްމީކޮށް އެޗްޑީސީން ވިދާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.