ގުޖުރާތުގައި ހިނގި ލޭ އޮހޮރުވުން ބޮޑު ހަމަނުޖެހުންތަކުގައި އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ކަމަށް އިންޑިއާގެ ހިންދޫންގެ ހަރުކަށި ޕާޓީއެއް ކަމަށްވާ ޝިވްސޭނާ އިން ބުނެފިއެވެ.
ޝިވްސޭނާއިން ބުނި ގޮތުގައި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަކީ ހިންދޫ ހަރުކަށި ޖަމްއިއްޔާ، ރާޝްތުރިޔާ ސެވަކް ސަންގް (އާރުއެސްއެސް) ގެ ސިޔާސީ މޫނެވެ. ބާރަތިޔާ ޖަނަތާ ޕާޓީގެ ހުރިހާ ސިޔާސީ ލީޑަރުންނަކީ އާރުއެސްއެސްގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ.

ޝިވްސޭނާއިން ބުނި ގޮތުގައި އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަކީ ވެސް އާރުއެސްއެސްގެ ވޮލަންޓިއަރެކެވެ. އަދި މޯދީ ފަހުން ވަނީ ބީޖޭޕީއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް މި ފަހަކަށް އައިސް ބީޖޭޕީ އާއި އާރުއެސްއެސްގެ ކޯޅުން ވަނީ އިތުރުވާން ފަށާފައެވެ.

އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި، ޚާއްޞަކޮށް މަހާރާޝްތުރާގައި ސިޔާސީ ބާރު ގަދަ ހިންދޫ ހަރުކަށި ޕާޓީއެއް ކަމަށްވާ ޝިވްސޭނާގެ ވެރިޔާ އުދޭވް ޓާކްރޭ ވަނީ ބީޖޭޕީ އާއި މޯދީއާ ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގެންފަ އެވެ.
ދާދިފަހުން ބޭއްވި ރަސްމިއްޔާތެއްގައި އުދޭވް ޓާކްރޭ ވިދާޅުވީ ގުޖުރާތުގެ ހަމަނުޖެހުންތަކުގައި މޯދީ ބައިވެރިވެވަޑައިގެންނެވިކަމަށާއި އޭރުގެ ބޮޑުވަޒީރު އަޓަލް ބިހާރީ ވަޖްޕޭއީ ގުޖުރާތުގެ ހަމަނުޖެހުންތަކުގައި ސްޓޭޓް އެމެޖެންސީ ހިންގެވުމަށް މޯދީއަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި ވަޖްޕާއީ ވަނީ މޯދީގެ ގާނޫނީ އަދި އަޚްލާގީ ޒިންމާ އަދާކުރެއްވުމަށް ވެސް އެދިވަޑައިގެންފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އުދޭ ޓާކްރޭ ވިދާޅުވި ގޮތުގައި ޝިވްސޭނާގެ ބާލް ޓާކްރޭ މޯދީއަށް އެހީތެރިވެވަޑައިނުގެންނެވިނަމަ މޯދީއަށް ބޮޑުވަޒީރު ކަމާ ހަމައަށް ވަޑައިނުގެންނެވޭނެ އެވެ.
ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވި ދުވަސްވަރު 2002ގައި އެ ސްޓޭޓްގައި މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ގަތުލު އާއްމެއްގައި މުސްލިމުންގެ ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. އަދި އެކަން ހުއްޓުވުމަށް މޯދީގެ ސަރުކާރުން އެއްވެސް މަސައްކަތެއް ނުކޮށް ހަމަނުޖެހުން ހިންގި ހިންދޫންނަށް ހިތްވަރުދެއްވާފައި ވާކަމަށް އިންޑިއާގެ އިތުރަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ވަނީ ބުނެފައެވެ.
ގުޖުރާތުގެ ހަމަނުޖެހުމުގައި މޯދީ ދައުރެއްވާކަމަށާއި އެއީ އިންކާރު ކުރެވެން ނެތް ހަގީގަތެއް ކަމަށް ބައިނަލް އަގުވާމީ ވަރަށް ގިނަ ފަރާތްތަކުން ވެސް ވަނީ ބުނެފައެވެ.
އިންޑިއާގެ ހައްދުފަހަނަޅާފައިވާ ހިންދޫން ގެންދަނީ މެދުކެނޑުމެއް ނެތި އިންޑިއާގެ މުސްލިމުންނަށް އަނިޔާ ކުރަމުން ބިރުދައްކަމުން ކުށެއް ނެތް މުސްލިމުން މަރަމުންނެވެ.