ފްރާންސްގެ ހައި ސްކޫލެއްގެ ދަރިވަރަކު ޓީޗަރެއްގެ ގަޔަށް ވަޅި ޖަހައިލައިފި އެވެ.
މި ހާދިސާއާ ގުޅިގެން ދަރިވަރު ހައްޔަރުކޮށް، މައްސަލަ މިހާރު އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރާންސްގެ އަވަށެއް ކަމަށްވާ ސެއިންޓް-ޖިއަން-ޑި ލޫޒް ގެ ސެއިންޓް ތޯމަސް ޑި އެކްއިން ޕްރައިވެޓް ހައި ސްކޫލްގައި ހިންގި ހާދިސާގައ މަރާލީ ސްޕެއިނަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެން ޓީޗަރެކެވެ.
ދަރިވަރު އޭނަ އަށް ހަމަލާ ދިނީ ކްލާސްތެރޭގައި ފިލާޅެއް ނަގައިދޭން އުޅެނިކޮށް ކަަމަށާއި ޓީޗަރު މަރުވީ އެ ހާދިސާ ހިނގުމާ އެކީ ހާޓްއެޓޭކެއް ވެސް ޖެހިގެން ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް މަރާލި ޓީޗަރުގެ ވަނަވަރާއި ޓީޗަރު މަރާލި 16 އަހަރުގެ ދަރިވަރުގެ ވަނަވަރެއް ވެސް ކަމާބެހޭ ފަރާތްތަކުން އަދި ހާމައެއްނުކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު ޕެޕް އެންޑިޔާއީ ކުރެއްވި ޓްވީޓެއްގައި ހިތާމަފާޅު ކުރައްވައި ޓީޗަރުގެ އާއިލާއާ އެކީ ތިބި ކަމަށް ވިދާޅުވެފައިވެ އެވެ.