ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ނައިބު ރައީސް މުޙައްމަދު ޢަޠީފް (އަތީ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ރަށުގައި ބޭއްވި ޝަހީދުންގެ ދުވަހުގެ ޖަލްސާއަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގަން އުޅުއްވި ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އަތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޝަހީދުންގެ ދުވަހާ ގުޅިގެން ތުޅާދޫގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި އިންނަވަނިކޮށެވެ.
ޕީޕީއެމްއިން މިއަދު ހަވީރު ނެރުނު ބަޔާނެއްގައި ވަނީ ޖަލްސާގައި އަތީ އިންނަވަނިކޮށް ފުލުހުން އޭނާ ހައްޔަރުކޮށް ލާއިންސާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ ޝަހީދުންގެ ދުވަހުގެ ޖަލްސާއަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ރޭ ތުޅާދޫން މީހަކު 4 ގަޑިއިރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
”ރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފައި.“ ފުލުހުންގެ އޮފިޝަލު ވިދާޅުުވިއެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުން ރޭގެ 20:30 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް އަތީ ގެންގޮސް އޭނާގެ ސިއްހީ ހާލު ދަށްވުމުން ތުޅާދޫ ހޮސްޕިޓަލަށް އެކަނިމާ އެކަނި ދޫކޮށްލާފައިވެއެވެ. އަދި މިއަދުގެ ވަގުތެއްގައި އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މިވަގުތާ ހަމައަށް ވަކީލަކު އައްޔަންވުމަށް ހުރަސްއެޅުމުގެ އިތުރުން އޭނާއަށް ކާއެއްޗެއް ވެސް ދީފައިނުވުމީ ހިތާމަ ކުރާކަމެއް ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އަތީ ގެންދިޔައީ އިތުރު ބަޔަކާ ގުޅިގެން ޖަލްސާއަށް ހުރަސްއަޅަން އުޅުނު ކަމުގެ ތުހުމަތާ ގުޅިގެން ސުވާލު ކުރުމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވަގުތު ރެސްޓޯރެންޓުން ކާ އެއްޗެހި ގެނެސްގެން އަތީއަށް ކެވޭނެ އިންތިޒާމު ފުލުހުން ހަމަޖައްސައިދިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިއަދު އޭނާ ހައްޔަރުނުކުރާ ކަމަށާއި އޭނާ އަމިއްލައަށް ތުޅާދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވި ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.