ޕީޕީއެމްގެ ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުޙައްމަދު ޢަޠީފް (އަތީ) ހައްޔަރުކޮށް އޭނާއަށް ލާއިންސާނީ އަނިޔާކޮށްފައިވާ ކަމަށް ޕީޕީއެމްއިން ތުހުމަތުކޮށްފިއެވެ.
ޕީޕީއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ.ތުޅާދޫގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާއަށް ހޯމް މިނިސްޓަރުގެ ދައުވަތަށް ޢަޠީފް ޖަލްސާއަށް ވަޑައިގެން، ޖަލްސާގައި އިންނަވަނިކޮށް ޖަލްސާއިން ބޭރުކޮށް ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި ހައްޔަރުކޮށްފައިވަނީ ގާނޫނީ އިންޒާރު ދިނުމެއް ނެތިކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހައްޔަރުކޮށްގެން ގެންގުޅޭއިރު އޭނާގެ ވަކީލުންނާއި އޭނާއާއި މުޢާމަލާތު ކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.
އަތީގެ ސިއްހީ ހާލު ދަށްވުމުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސް އެކަނިމާ އެކަނި ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު، އެތައް ވަގުތެއް ފާއިތުވި ފަހުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަނެއްކާ ވެސް އަނބުރާ ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާކަމަށް ޕީޕީއެމްއިން ބުންޏެވެ.
އަތީގެ ލޯޔަރުން އަތީއަށް ގާނޫނީ އެހިތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތަށް ފުލުހުން ހުރަސްއަޅައި، ”މުޙައްމަދު ޢަޠީފް ކިޔާ ބޭފުޅަކު ތުޅާދޫއިން ހައްޔަރުކުރެވިފައިނުވާ ކަމަށް“ ފުލުހުންގެ އިދާރާއިން ލޯޔަރުން ގާތު ބުނެފައިވާކަމަށް ވެސް ޕީޕީއެމްއިން ބުންޏެވެ.
”މުޙައްމަދު ޢަޠީފް ރޭގެ 8:30 އެހާކަން ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ސިއްހީ ހާލު ދަށްވުމުން ބ.ތުޅާދޫ ހޮސްޕިޓަލަށް އެކަނިމާ އެކަނި ދޫކޮށްލުމަށްފަހު މިއަދުގެ ވަގުތެއްގައި އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ވަކީލުންނަށް ފުރުސަތު ނުދީ ގެންގުޅޭ ގެންގުޅުން މި ކޯލިޝަންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި ރޭގެ 8:30 އެހާކަން ހާއިރު ހައްޔަރުކުރި ގޮތަށް މިވަގުތާ ހަމައަށް ވަކީލަކު އައްޔަންވުމަށް ހުރަސްއެޅުމުގެ އިތުރުން ޢަޠީފަށް ކާއެއްޗެއް ވެސް ދީފައިނުވުމީ ހިތާމަ ކުރާކަމެއް.“
ޕީޕީއެމްއިން ވަނީ އަތީއާ ދޭތެރޭ ތުޅާދޫ ފުލުހުން އަތީއަށް ލާއިންސާނީ އަމަލުކުރަމުންދާ ކަމަށް ބުނެ، މިހާރުން މިހާރަށް އެކަން ބައްލަވައި ދެއްވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ގޮވައިލާފައެވެ.
ފުލުހުންގެ ކިބައިން މިފަދަ ލާއިންސާނީ އަމަލުތައް ތަކުރާރުވަމުންދާ ދިއުމާމެދު ފުލުހުންގެ އިދާރާއިން ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވުމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާނަށާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ވެސް ގޮވައިލާކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.