ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާއާ ބައްދަލު ކުރައްވައިފިއެވެ.
އެ ދެބޭފުޅުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ބައްދަލު ކުރެއްވީ ޖޭޕީގެ ހެޑްކުއާޓަރު މ.ކުނޫޒުގައެވެ.
އަސްލަމާއި ނިޔާޒު ކުނޫޒަަށް ވަދެވަޑައިގަންނަވާ މަންޒަރާއި ނަހުލާ އަރިހުގައި ތިއްބެވި މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް މިއަދު ވަނީ އާންމުވެފައެވެ.
މި ބައްދަލުވުމާބެހޭ ތަފްސީލެއް އެއިން އެއްވެސް ބޭފުޅަކު އަދި ހާމަކުރައްވައިފައެއް ނުވެއެވެ.
ދާދިފަހުން އަސްލަމާއި ނިޔާޒު ވަނީ ސަން އައިލެންޑުގައި
ގާސިމް އިބްރާހިމާ ވެސް ބައްދަލު ކުރައްވައިފައެވެ.
ރައީސްގެ ކޮއްކޯފުޅު ޢަލީ ނިޔާޒް ވިދާޅުވި ގޮތުގައި އެއީ ވަރަށް އުންމީދީ ބައްދަލުވުމެކެވެ. އަދި މިސްރާބު ހުރީ ކޯލިޝަނާއެކު އެމްޑީޕީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ މަގަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙް ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރުމަށް އެދިވަޑައިގެން ޖޭޕީއަށް ސިޓީއެއް ވެސް ފޮނުއްވައިފައެވެ. ނަމަވެސް ސިޓީއާމެދު ޖޭޕީން އަދި ގޮތެއް ނުނިންމައެވެ.