ދައުލަތުގެ މި އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައެޅި 36.89 މިލިއަން ރުފިޔާ 6 ޕާޓީއަކަށް ދޫކުރާ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓާއި, އަހަރީ ރިޕޯޓު އީސީއަށް ހުށަހެޅުމުން ސިޔާސީ ޕާޓީތައް ހިންގުމަށް މި އަހަރުގެ ބަޖެޓުން ކަނޑައެޅުއްވި 36,896,088 ރުފިޔާ 6 ޕާޓީއަކަށް ދޫކުރާ ގޮތަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
ފައިސާ ދޫކުރަން ކަނޑައަޅާފައިވާ ޕާޓީތަކަކީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއާއި އަދާލަތު ޕާޓީއާއި އެމްއެންޕީއެވެ.
އެމްޑީޕީ: 14.2 މިލިއަން ރުފިޔާ
ޕީޕީއެމް: 9.5 މިލިއަން ރުފިޔާ
ޖޭޕީ: 5.68 މިލިއަން ރުފިޔާ
އެމްޑީއޭ: 2.59 މިލިއަން ރުފިޔާ
އަދާލަތު: 2.4 މިލިއަން ރުފިޔާ
އެމްއެންޕީ: 2.43 މިލިއަން ރުފިޔާ
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ އަހަރަކަށް ލަފާކުރާ ބަޖެޓު މަޖިލީހުން ފާސްކުރާއިރު 10,000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އެ ފައިސާ ދޫކުރާނީ ޕާޓީގައި ތިބޭ މެންބަރުންގެ ނިސްބަތަށް ބަލައިފައެވެ.